ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ފްރަންޓްލައިން އެލަވަންސް އިތުރު 825 މުޒަފަކަށް ދީފި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އިތުރު 825 މުޒަފަކަށް ފްރަންޓްލައިން އެލަވަންސް ދީފި ކަމަށެވެ. އެ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސް ގޮތުގައި 10.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

Ad
rt

އެއާއިއެކު މިހާތަނަށް މި އެލަވެންސް 1045 މުވައްޒަފަކަށް، ޖުމްލަ 13.4 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި އެލަވަންސް ދޭންޖެހޭ އިތުރު މުވައްޒަފުންނަށް ވަރަށް އަވަހަށް މި އެލަވަންސް ދެވޭނެ ކަމަށާއި، އެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

ކޯވިޑް-19 އާއިގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް ދޭން ފެށިކަން ފިނޭންސް މިނިސްޓްރީއިން ފުރަތަމަ ހާމަ ކުރެއްވީ ހުސްވި ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ހާތަނަށް 220 މުވައްޒަފަކަށް 2.9 މިލިއަން ރުފިޔާ ވަނީ ދެވިފައި ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް "އިންކަމް ސަޕޯޓް އެލަވަންސް" ގެ ގޮތުގައި 2020 އޯގަސްޓް 2 ވަނަ ދުވަހާއި ހަމައަށް، 8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ބުނެފައެވެ.

މީގެ އިތުރުން ފިނޭން މިނިސްޓްރީއިން މިއަދު ވަނީ ކޯވިޑް- 19 އާއި ގުޅިގެން އިޤްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ލޯނުގެ ގޮތުގައި 330 ފަރާތަކަށް 475.5 މިލިއަން ރުފިޔާ އާއި 6 މިލިއަން ޑޮލަރު އަދި އެސް.ޑީ.އެފް.ސީން މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައި ވާކަމަށް ހާމަ ކޮށްފައެވެ.