ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްރަށަށް މިއަދު ވަރަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެއެވެ.

މި ގޮތުން އުތުރުގެ ގިނަ ރަށްތަކަކަށް މިއަދު ވެހެން ފެށި ބޯ ކެރި އަދި ވެސް ދަނީ ބައެއް ރަށްރަށަށް ވެހެމުންނެވެ.

Ad
rt

ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގައި 4 ރަށެއްގައި ފެންބޮޑުވެގެން ފެންހިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާއިރު، އުތުރުގެ 3 ރަށަކަށް ފެންބޮޑުވެގެން ރިޕޯޓް ކޮށްފައި ވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އެ ތިން ރަށުގެ ތެރޭގައި ހިމެނީ ކުޅުދުއްފުށި ސިޓީއާއި، ށ. ފީވަށް އަދި ށ. ފުނަދޫއެވެ. ކުޅުދުއްފުށީގައި ސިފައިން ފެން ހިންދުމުގެ މަސައްކަތް ކޮށްފައި ވާއިރު، ށ. ފީވަށް އަދި ށ. ފުނަދޫގައި ރަށު ކައުންސިލާއި ފުލުހުން ގުޅިގެން ވަނީ ފެން ހިންދުމުގެ މަސައްކަތްކޮށް ފައެވެ.

ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމުން އެ ސަރަޙައްދު ތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރާކަން ހާމަކޮށް، އެމްއެންޑީއެފްއިން ބުނީ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ 5 ގެއަކަށް ފެން ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ފަޅުތެރޭގައި އޮތް 17 ފޫޓުގެ ލޯންޗެއް ވިއްސާރައިގެ ސަބަބުން ދިޔަވެ އަޑިއަށް ދާތީ ނޮދަން އޭރިއާ ސިފައިން ވަނީ މިއަދު ހަރަކާތްތެރިވެ، އެ ލޯންޗް ފުންކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީއަށް މިއަދު ވެހުނު ވާރޭގެ ސަބަބުން މަގެއްގައި ފެން ބޮޑުވެފައި، ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

ކުޅުދުއްފުށި ސިޓީއަށް މިއަދު ކުރި ވިއްސާރައާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ވެސް ބުނެފައި ވަނީ މޫސުން ގޯސްވެ އެ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ރަށުގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުން ތަކެއް ލިބިފައި ވާކަމަށެވެ. ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުން އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އަދި ކުޅުދުއްފުށި ޕޯޓް ލިމިޓެޑް ގުޅިގެން ކޮށްފައިވާ ކަމަށާއި، އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތާއި ރަށުގެ އެސެސްމެންޓް ހެދުމަށް ދިވެހި ރެޑްކްރެޒެންޓް ހދ. ގޮފީގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަ ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ފެން ބޮޑުވެފައިވާ ސަރަހައްދުތައް ޑީ-ވޯޓަރ ކުރުމަށް 3 ސަރަހައްދަކުން ފެން ހިންދުމަށް އެމްއެންޑީއެފް އަދި ކުޅުދުއްފުށި ޕަބްލިކް ވާރކްސް ހަރަކާތްތެރި ވަމުން ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މޫސުން ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު އުތުރަށް ކުރި ވިއްސާރާގައި މެދުނުކެނޑި ބޯކެރި ށ. ނަރުދޫއަށް ވެސް ވަނީ ވެހިފައެވެ. އެ ރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، ކައުންސިލާއި ރައްޔިތުން ގުޅިގެން އެއް މަގުން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު ވިދާޅުވިއެވެ.

މިއަދު ކުރި ވިއްސާރާގައި ށ. ނަރުދޫގެ މަގެއްގައި ފެން ބޮޑުވެފައި، ފޮޓޯ: ނަރުދޫ ފޭސްބުކް ޕޭޖް

ހދ. އަތޮޅުގެ އެކި ރަށްރަށަށް ވެސް ބޯކޮށް ވާރޭ ވެހިފައި ވާއިރު، ހދ. ރަށްތަކުގެ ތެރެއިން ހަނިމާދޫއަށް ވެސް ވަނީ ބޯކެރި ވެހި، ރަށުގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެފައެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ، އެ ރަށުގައި ހއ. ހަތިފުށިން ހިޖުރި މީހުން ދިރިއުޅޭ ގެތައް ހުރި ސަރަޙައްދުގައި ދެ ފޫޓު ބަޔަށް ފެން ބޮޑުވި ކަމަށެވެ. އަދި އެ ސަރަޙައްދުން ފެން ހިންދުމަށްޓަކައި، އެސްކަވޭޓަރ ބޭނުން ކޮށްގެން އެ ސަރަޙައްދު ވަލުން ވަޅުގަނޑެއް ކޮނެފައިވާ ކަމަށް ވެސް ސަލާމް ވިދާޅުވިއެވެ.

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ބޯކެރި ވެހިފައިވާއިރު، ހއ. އުތީމު ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވީ ރޭ ފަތިހު ފަހަކުން މެންދުރުފަހު ދެއަކާއި ހަމައަށް މެދު ނުކެނޑި އެރަށަށް ބޯ ކެރި ވެހިފައިވާ ކަމަށެވެ. " ﷲ ގެ ރަޙްމަތް ފުޅުން ގުދުރަތީ ގޮތުން މިރަށް އުފެދިފައިވާ ގޮތުން އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނެތް " ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު މޫސުން ގޯސްވެފައިވާއިރު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިރޭ ވަނީ ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލުގެ ނެރެފައި ވަނީ މިރޭ 21:00 އިން ފެށިގެން މިރޭ މެންދަމު 02:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރެވޭހި ގުގުރާނެ ކަމަށް ލަފާކޮށް، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކޮށްފައި ވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.