މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، އައިއެސްއޯ 9001:2015 ސެޓްފިކެޓް ހާސިލްކޮށްފިއެވެ.
އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިސިސްޓަމަށް އެމްޓީސީސީ ސެޓިފައިކޮށްދީފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު އެސްޖީއެސްއިންކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައި ކުރެވުނު ކުންފުންޏެއްކަމަށެވެ. އެގޮތުން ކުންފުނީގެ ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް، ޓްރާންސްޕޯޓް ޚިދުމަތް، ލޮޖިސްޓިކް ޚިދުމަތް، އިންޖީން ސްޕެއަރ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން، ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ޚިދުމަތް އަދި އިންޖިނިއަރިންގ އާއި ޑޮކިންގގެ ޚިދުމަތް ސެޓިފައިކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެކުންފުންޏަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއްކަމަށާއި މިކަމުގެ ސަބަބުން ކުންފުންޏަށް އޮތް އިތުބާރު ބޮޑުވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ސެޓިފިކޭޝަން ދެމެހެއްޓުމަށް މަސައްކަތްކުރާނޭކަމަށް އާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!