މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް މާލެއަށް ލަފާފުރުމުގެ ކަންކަން ކުރާނަމަ އުޅަނދުތަކުގެ ކެޕްޓަން ޖޫރިމަނާކުރަން ނިންމައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރު ލަފާފުރުމުގައި ބޭނުންކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިފައިވާއިރު އެސަރަހައްދު ނޫންތަންތަން ލަފާފުރުމަށް ބޭނުންކޮށް އެޤަވާއިދާ ޚިލާފުވާނަމަ ނުވަތަ އުސޫލުން ބޭރުން އެއުޅަނދުތަކުގެމީހުން އެއްޤަމަށް އަރާނަމަވެސް އުޅަނދުގެ ކެޕްޓަން ޖޫރިމަނާކުރާ އެންގުމެއް ވަރަށް އަވަހަށް އެޗްޕީއޭއިން އާންމުކުރާނެކަމަށެވެ.

Ad
rt

މާލޭ ސިޓީކައުންސިލުން ބުނެފައިވަނީ މާލެއަށް އަންނަ އުޅަދުތައް ލަފާފުރުމަށް މާލޭގެ ބަނދަރުމަތީ ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައި ވަނީ، ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމުގައެވެ. މިފިޔަވަޅު އެޅުއްވުމުގެ ބޭނުމަކީ، ޚާއްސަކޮށް ވިޔަފާރި ދަތުރުތަކުގައި އަންނަ ފަރާތްތަކުން މާލޭގައި އުޅޭ މީހުންނާއި ބައްދަލުވާ ބައްދަލުވުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްރަށަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކުރުން ކަމުގައި ސިޓީކައުންސިލުން ބުނެފައިވެއެވެ.

އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަށް:

  • އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާފުރުމުގައި މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުން.
  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި ފަޅު) ބޭނުންކުރުން.
  • އަތޮޅުތަކުން މާލެއަންނަ މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ހުޅުމާލޭ ބަނދަރު ލަފާފުރުމުގައި ބޭނުންކުރުން.
  • އަތޮޅުތަކުން މާލެއަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަދަރު ބޭނުންކުރުން.
  • ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 05 ނަންބަރު ޖެޓީ އާއި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތިފަޅު) ބޭނުންކުރުން.

ސިޓީ ކައުންސިލުން ބުނެފައިވަނީ، ކަނޑައަޅާފައިވާ މިސަރަޙައްދުތައް ނޫން އެހެން އެއްވެސް ސަރަޙައްދަކުން މާލެ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދު ފަހަރު ބޭނުން ނުކުރުމަށް އަންގާކަމަށާއި އަދި ވަކި ގޮތެއް އަންގަންދެން މި ޢުސޫލުން ޢަމަލުކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

އެ ސަރަޙައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ކޯވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅޭގޮތުން މާލޭ ސިޓީގައި އަމަލުކުރާނެ ވަކި ގޮތެން ކަނޑައަޅައި އަންގަންދެން، އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލޭ ސިޓީއަށް އަންނަ އަދި މާލޭ ސިޓީން ފުރާ އުޅަނދު ފަހަރުތައް މި އެ ނިންމުމާއި އެއްގޮތަށް އަމަލުކުރަމުން މާލޭ ސިޓީ ކައުންސިލުން ވަނީ އަންގާފައި އެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހަލުވިވެ، އެންމެ ބާރަށް ބަލި ފެތުރި، އެންމެ ނުރައްކާ ބޮޑު ސަރަޙައްދަކީ މާލެސަރަހައްދު ކަމަށް ވާތީ މާލެއަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އަރާފޭބުން މަނާކޮށް ފައިވާ ކަމަށް ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ ހާމަ ކޮށްފައެވެ.