މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރި ނަމަވެސް އިސްލާމީ މަރުކަޒާއި، އެ ސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެ ކަމަށެވެ.

Ad
rt

މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވާފައި ވަނީ ކޯވިޑް-19 މާލެ ސަރަހައްދުގައި ހަލުވިކަމާއި އެކު ފެތުރެމުންދާތީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ ރައްކާތެރި ކަމަކަށް ނުވާތީއެވެ.

މާލެ ސިޓީ ފިޔަވައި، އެހެން ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ށ. ފުނަދޫ ރައްޔިތުން ޢީދު ނަމާދެއްގައި ބޮޑު ޖަމާއަތުގައި ބައިވެރި ވަނީ، ފޮޓޯ: ފުނަދޫ ލައިވް

މާލޭގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑުޖަމާއަތުގައި ނުކުރަން ނިންމާފައި ވާއިރު މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް ބޮޑު ޖަމާޢަތުގައި ކޮށްފައެއް ނުވެއެވެ. މިއަހަރުގެ ދެ ޢީދުވެސް ދިމާވެފައިވަނީ ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެއްގައެވެ.

ކޯވިޑް-19 އާ ގުޅިގެން އިއުލާން ކުރި ފުރަބަންދާ ގުޅިގެން މާލޭ ސިޓީގައި ތިން މަހަށްވުރެ ގިނަ ދުވަހު ޖަމާއަތުގައި ނަމާދުކުރުން އޮތީ ހުއްޓާލާފައެވެ. އަދި އެއަށްފަހު އަލުން މިސްކިތްތައް ހުޅުވާލައި އަލުން ނަމާދުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. ނަމަވެސް މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މިއަހަރުގެ އަޞްޙާ ޢީދު ދިމާވަނީ މިމަހުގެ 31 ވާ ހުކުރު ދުވަހަށެވެ.