ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށް ދަނީ އެ ރަށުގައި ހަދާ އައު ބަނދަރު ފުން ކުރުމާއި، އަދި ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތް ތަކުގެ ތެރޭގައި 37،222 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 248 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި އަދި 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 286 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، ބަނދަރު ސަރަހައްދުގައި ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި އަދި ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން އާ ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް އެބަދޭ. މި މަޝްރޫޢަކީ 42.18 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް. pic.twitter.com/ioXmb8okzq
— MTCC Plc (@MTCCPlc) July 22, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 25 ސެޕްޓެމްބަރ 2019 ގައި އެވެ.
މި މަޝްރޫޢަކީ 42.18 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ.
އެމްޓީސީއިން އަންނަނީ އެކުންފުންޏާއި ހަވާލުވެފައިވާ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ މަސައްކަތް ހަލުވި މިނެއްގައި ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!