ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން އެރަށަށް ދިޔަ ޓީމުގެ މަސައްކަތް ނިންމާލައިފިއެވެ.

ތިން މީހުންގެ މައްޗަށް އެކުލެވޭ އެ ޓީމު ނޭކުރެންދޫގައި ދެ ދުވަސް ހޭދަކޮށްފައިވެއެވެ. މިޓީމު ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ.

Ad
rt

ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް “ތިލަދުން”އަށް ވިދާޅުވީ ސަރުކާރުން އެރަށަށް ޒިޔާރަތްކުރި ޓީމުން އެ ރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވާ ސަބަބު ހޯދުމުގެ ދިރާސާ ކުރިއަށް ގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ޓީމުގެ މަސައްކަތް ނިންމުމަށްފަހު އިއްޔެ އެރަށުން ފުރާފައިވާ ކަމަށެވެ.

" އެބޭފުޅުން ވަނީ ދިރާސާތައް ކުރިއަށް ގެންދަވާފައި، ދެ ވައްތަރެއްގެ ފަންޏެއް އެބޭފުޅުން ދެނެގަތް، ކަނޑޫ ފަތްތަކުގައިއާއި، ކަނޑޫ ގަހުގެ ގަސްގަނޑު ތެރޭގައި އުޅޭ ދެ ވައްތަރު ފަންޏެއް، އިތުރު ސޫތްޕެއްވެސް އެ ބޭފުޅުންނަށް ވަނީ ފެނިފައި" ޢަލީ އާދަމް ވިދާޅުވިއެވެ.

ސަރުކާރުން މި ފޮނުވި ޓީމަކީ ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ފޮނުއްވި ޓީމެކެވެ. މި ޓީމު ކުރިން ވަނީ ހއ. ކެލާގެ ކަނޑޫ ފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ނިންމާފައެވެ.

މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. އީޕީއޭއިން ބުނެފައިވަނީ އެ ދެ ރަށުގައި ކުރިއަށް ގެންދެވުނު ދިރާސާތަކުގެ މަޢުލޫމާތުތައް އާންމު ކުރަށްވާނެ ކަމަށެވެ.

ކެލާއާއި ނޭކުރެންދޫއަކީ ވަރަށް ބޮޑު ދެ ކަނޑޫފާ އޮންނަ ދެ ރަށެވެ. ނޭކުރެންދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު ކަނޑޫފާ އޮންނަ ރަށެވެ.

ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާ ކޮށްފައެވެ. އެރަށު ކަނޑޫފާ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެރަށު ކައުންސިލުންނާއި، ރައްޔިތުން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށު ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން ހުސްވި ޖޫން މަހުގެ 26 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މިގޮތުން ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ޖޫން 27 ވަނަ ދުވަހު ފަށާފައިވާއިރު، މިދިރާސާއަކީ ނޭކުރެންދޫ ކައުންސިލާއި، އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ. މިދާރާސާއަށް މާލީ އެހީތެރިކަން ދެނީ ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުންނެވެ.

ނޭކުރެންދޫ ކަނޑޫފާ މަރުވާ މައްސަލާގައި، އެ ރަށް ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަމަން ގެންނެވުމުގެ އިތުރުން، އެ މައްސަލާގައި އެންވަޔަރމެންޓް މިނިސްޓަރު އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އާއި ބައްދަލު ކުރަށްވާފައެވެ.