ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ އުސޫލުތަކާއި އެންގުންތަކާއި އެއްގޮތަށް އަމަލު ކޮށްދިނުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ މަސައްކަތުގެ މާހައުލުގައި ޢަމަލުކުރަން ކަމާއި ގުޅޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެދިފައެވެ.
މިދުވަސްވަރު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާތީ އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމާއި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
މިގޮތަށް މެދުވެރިވާ ސަބަބަކީ ފުރަބަންދަށް ލުއި ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި، ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުން ދިއުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ފުރަބަންދުން ލުއި ދިނުމަށް އެ އޭޖެންސީއިން ނެރެފައިވާ އުސޫލުތަކާއި އެންގުންތަކާއި، މަސައްކަތުގެ މާހައުލުގައި
ޢަމަލުކުރަން ކަމާއި ގުޅޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް އެދޭ ކަމަށެވެ.
މިގޮތުން މިހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާއްމު ތަންތަނަށް އެއްނުވުމަށާއި، އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، އަދި 30 މީހުންނަށްވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައްވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދު ވަނީ 2762 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 444 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2290 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 13 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 62،767 ސާމްޕަލެއް ނަގާފައިވާއިރު، ކަރަންޓީނު ފެސިލިޓީގައ 70 މީހުން އަދި އައިސޮލޭޝަން ގައި 382 މީހުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!