މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު މިއަދު ވަކިކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި މިއަދުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުންވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފައެވެ.
އަދި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި
— Mabrook Azeez (@MvSpokesperson) July 9, 2020
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައެވެ. އަދި އެކަމާ ގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް އަންގަވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޢަލީ ވަޙިދުގެ މައްޗަށް ތުހުމަތުކުރެވެނީ އެ މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުންވެސް އަދި ޖެންޑަރ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!