ހދ.ހަނިމާދޫގައި "އައި ނޯޓްސް" ގެ ނަމުގައި ފޮތް ފިހާރައެއް ހުޅުވައިފިއެވެ.

ހަނިމާދޫގައި ފޮޓޯނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އައި އާރޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ފޮތް ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 01 ޖުލައި 2020 ވީ ބުދަދުވަހުއެވެ.

Ad
rt

މަދަރުސާގެ ދަރިވަރުންނަށް ބޭނުންވާ ގިނަ ސާމާނު ލިބެންހުންނަ މި ފިހާރައިން ދެމުން އަންނަ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ޕްރިންޓް ކުރުމާއި، ފޮޓޯކޮޕީ ނަގައިދިނުމާއި، ލެމިނޭޓް ކުރުމާއި، ބައިންޑް ކުރުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

އައި އާޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ކައުޔަޝް ކައިލް މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ މިކުންފުނި ވުޖޫދަށް އައުމުގެ މަޤުޞަދުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށާއި ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ރަށުން ލިބެން ނުހުންނަ ތަފާތު ޚިދުމަތްތައް ފޯރުކޮދީ ރައްޔިތުންނަށް އެ ފަސޭހަތަށް ހޯދައިދިނުމަކީ ކުންފުނީގެ އެންމެ އިސް އެއް ވާޖިބުކަމުގައި ދެކެމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ފިހާރައިގެ ހުޅުވިފައި ހުންނަ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 ން 11:00 އަށް އަދި މެންދުރު 14:30 ން 18:00 އަށް އަދި ރޭގަނޑު 20:30 ން 22:00 އަށެވެ.

01 ސެޕްޓެމްބަރ 2017 ގައި ރަޖިސްޓަރީކުރި މި ކުންފުނިން އެ އަހަރުން ފެށިގެން ހަނިމާދޫގައި ފޮޓޯނެގުމުގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ފިހާރައަކީ ހަނިމާދޫގައި ހުޅުވި ފުރަތަމަ ފޮތް ފިހާރައެވެ.