ރާއްޖެގައި ކިޔަވައި ދެއްވާ ހުރިހާ ޓީޗަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ނުވަތަ ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާޢި ޔުނިސެފްގެ އިތުރުން ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. މި ޕްރޮގްރާމްގައި އެގާރަ ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރަމުންދާ އިރު މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މި ގޮތުން މިހާތަނަށް މި ޕްރޮގްރާމްގައި ޖުމްލަ 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޯވިޑް19 ހާލަތާއި ގުޅިގެން ސްކޫލުތައް ބަންދު ކުރުމަށް ފަހުން އަލުން ސްކޫލުތައް ހުޅުވިގެންދާއިރު ދަރިވަރުންނާއި އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދައްކަން ޖެހޭ ބަޔަކީ ޓީޗަރުންނަށް ވެފައި، ޓީޗަރުންނަކީ ދަރިވަރުންނަށް މިކަމާ ގުޅިގެން ދިމާވާ ހާސް ކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ފަދަ ޤާބިލް ބަޔަކަށް ޓިޗަރުން ހެދުމަކީ މި ޕްރޮގްރާމްގެ މަޤްޞަދުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮގްރާމްގައި ސްކޫލްތަކުގައި މަސައްކަތް ކުރަމުންގެންދާ ކައުންސެލަރުންނަށް ވެސް އިތުރު ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސެލަރުންނަށް ތަމްރީނު ދިނުމުގެ މައިގަނޑުބޭނުމަކީ އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ.
މި ޕްރޮގްރާމަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތައް އަލުން ހުޅުވިގެންދާނި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!