ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ހަލުވިކަމާއިއެކު ކުރަމުން އެބަދެއެވެ.
މިމަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ބަނދަރުގެ އެއްގަމު ތޮށްޓަށް ބޭނުންވާ ކީ-ވޯލް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެމަސައްކަތުގެ 47 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމަންޑޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު
- 12 މީޓަރުގެ ބޭރު ތޮށިޖެހުން
- 20 މީޓަރުގެ ރިވެޓްމެންޓް ޖެހުން
- 190 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުން
- 2 ނެރު ބައްތި ޖެހުން
- 10 މޫރިން ބްލޮކްސް ހަރުކުރުން
- 19 ބަނދަރު ބައްތި ޖެހުން
- ބަނދަރުގައި ރޭމްޕް ހެދުން
- އެއްގަމު ތޮށިވަށައިގެން ޕޭމަންޓް ހެދުން
- ބަނދަރު ފުން ކުރުން (35،348 ކިއުބިކް މީޓަރު)
- ބަނދަރު ނެރު ފުންކުރުން (14،731 ކިއުބިކް މީޓަރު)
މިމަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި، ޕްލޭނިންގ މިނިސްޓްރީއާއި ދެމެދު ސޮއި ކުރެވުނީ 4 އޯގަސްޓް 2019 ގައެވެ. މިމަސައްކަތް ނިންމުމުގެ މުއްދަތަކީ 365 ދުވަހެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 29،412،392.94 ރުފިޔާއެވެ.
އެމްޓީސީއަށް މި މަޝްރޫޢުގެ އީއައިއޭ އެޕްރޫވަލް ލިބިފައިވަނީ 12 ނޮވެމްބަރު 2019 ގައެވެ. އަދި ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކާ ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 18 ޑިސެމްބަރު 2019 ގައެވެ.
މިހިނގާ ޖޫންމަހުގެ 11 ވަނަ ދުވަހު ކޮމަންޑޫ ކައުންސިލުންވެސް ވަނީ އެރަށުގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް އެދުވަހު ފެށިފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!