މާދަމާ އަކީ މި ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މި އަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

މިރޭ ކުރިއަށް ދިޔަ 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭ ރަސްމީ ބައްދަލުވުމުގައި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

Ad
rt

ހަނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް މި 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.

މިއަދުގެ އިރުއޮއްސުމަށް ފަހުވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާކަަމަށާއި، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދުފެނުނުކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިނުވާކަމަށް ވެސް ހަނދާބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވިއެވެ.