ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު

photo_2020-05-19_01-09-01

ޕޯޗްގީޒުންގެ އަނީވެރި ވެރިކަން ދިވެހިރާއްޖެއިން ފޮހެލައި، ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދަވައިދެއްވުމަށްފަހު މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެ ފެއްޓިވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްމަސައްކަތަކީ ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބެވި މަދު އިލްމުވެރިންގެ ބޭނުންހިއްޕަވާ އެބޭފުޅުންގެ އެހީތެރިކަމާއި މަދަދާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ.

އެގޮތުން އުތުރުގެ މައި އެދުރަކަށް ހަމަޖެއްސެވީ މުޙައްމަދު ތަކުރުފާނުގެ ބޮޑުބޭބޭފުޅު އަދި އެތަކުރުފާނުގެ އިސް އެދުރުބެ ކަމުގައިވާ ނޮޅިވަރަންފަރު އެދުރުކަލޭގެފާނެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނު މި މަސައްކަތް ކުރައްވަން ފެއްޓެވީ ނޮޅިވަރަންފަރުގައި ހުރި މިސްކިތުގެ ދާލަމަތީގައެވެ. އަތޮޅުގެ އެކިއެކި ރަށްރަށުން ދަރިވަރުންގެނެސް ފެއްޓެވި މިތައުލިމަކީ އެރަށުގެ ތަޢުލީމުގެ ބިންގާކަމުގައި ބުނެވެއެވެ.

އަދި ހަމަ މިއާއެކު އުތުރުގެ ތިންއަތޮޅުގެ ވާރުކަންވެސް ކުރައްވަމުންއައީ ނޮޅިވަރަންފަރުގައިކަމުން މިފެށުނު ތައުލީމު މިގޮތުގައި އެތައް ޒަމާނެއްވާދެން ދެމިންގެން ގޮސްފައިވާކަންއެއީ މިއަދުވެސް ފެންނަންހުރި ހަގީގަތެކެވެ.

މުހައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުގައި ރާއްޖޭތެރޭގައި ގާއިމުކުރެވު ބޯޑިން ސުކޫލެއްވެސް ނޮޅިވަރަންފަރުގައި ހިންގާފައިވާކަން މިހާރުވެސް ހެކިވާނެ އެތައް ރައްޔިތުންނެއް ބޮޑުތިލަދުންމަތީގައި އެބަތިއްބެވެ. އަމީނިއްޔާ ސުކޫލުގެ ނަމުންނާއި އޯކިޑުގުލްޝަނުގެ ނަމުން ނަންދެވިގެން ހިންގި މިދެންނެވި ބޯޑިންސުކޫލުގެ ގާފޮޅުތައް މިހާރުވެސް ނޮޅިވަރަންފަރު ސުކޫލުތެރޭގައި ފެންނަން އެބަހުއްޓެވެ. އަދި އެއް އިރެއްގައި އަތޮޅު މަދަރުސާގެ ގޮތުގައިވެސް ބެލެވުނު މިސުކޫލަކީ ނޮޅިވަރަންފަރު ސުކޫލެވެ.

ޒަމާންތައް ފާއިތުވަމުންގޮސް ތައުލީމު ދިނުމުގައިވެސް ރަސްމީ ސިފައެއްޖެހި، ރަޖިސްޓްރީ ކޮށްގެން ސުކޫލު މަދަރުސާތައް ހިންގަން ފެށުނެވެ. މިގޮތުން އެންމެ ފުރަތަމަ ސަރުކާރުގެ ރަސްމީ އިދާރާއެއްގައި ނޮޅިވަރަންފަރު ސުކޫލު ރަޖިސްޓުރީ ކުރެވިފައިވާކަމަށް ލިޔުންތަކުން ދައްކަނީ 1969 ވަނަ އަހަރު މެއި 19 ވަނަ ދުވަހު މަކުތަބުލް ޤަމަރިއްޔާގެ ނަމުގައެވެ.

މަކުތަބުލް ގަމަރިއްޔާގެ ނަން ނޮޅިވަރަންފަރު މަކުތަބަށް ބަދަލުވީ 16 ޖުލައި 1984ގައެވެ. ރައްޔިތުންގެ މަދަދާ އެހީތެރިކަމާއެކު ދުވަސްތަކެއް ވާންދެން ނޮޅިވަރަންފަރު މަކުތަބުގެ ނަމުގައި ހިންގަމުން އައި މި ތައުލީމީ ހިޔާގެ ނަން 1997 ގައި ބަދަލުވީ ނޮޅިވަރަންފަރު މަދަރުސާއަށެވެ. އާދެ މިހާރުވެސް ހިންގަމުން މިދާ ނޮޅިވަރަންފަރު ސްކޫލުގެ ނަމަށް މި ސުކޫލުގެނަން ބަދަލުކުރެވިގެން ދިޔައީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 21 ވަނަ ދުވަހުއެވެ.

ރަސްމީގޮތުން ސަރުކާރުގެ އޮފީހެއްގައި ރަޖިސްޓްރީ ކުރެވުނުފަހުން ނޮޅިވަރަންފަރުގެ މި ފަޚުރުވެރި ތައުލީމީ ބިނާއަށް 51 އަހަރު ފުރިގެންދާއިރު މިސްކޫލުވެސް ވަނީ ކާމިޔާބު އެތައްދަރިންތަކެއްގެ ބޮޑުތިލަދުންމައްޗަށާއި، ދިވެހިރާއްޖެއަށް ނެރެދީފައެވެ.

އިލްމާއި ހިލްމުގެ ރޮގުން ގައުމު ފަޚުރުވެރިވާފަދަ ދަރިންތަކެއްގެ ތައުލީމީ ބިންގާކަމުގައި ވެގެންގޮސްފައިވާ ނޮޅިވަރަންފަރުސުކޫލަށް 50 އަހަރު ފުރުން ފާހަގަކުރެވުނީ ފާއިތުވިއަހަރުއެވެ. ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، އެޑިޔުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގެން، ބޭއްވުނު މި އަހަރީ ޖަލްސާވެގެން ގޮސްފައިވަނީ ހދ. އަތޮޅުގައިވެސް މިކަލަހަ ޖަލްސާއެއް، މިހާ ކުލަގަދަކޮށް ބޭއްވުނު ފުރަތަމަ ފަހަރަށެވެ.

މިޖަލްސާގައި މިސުކޫލަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ އިތުރުން، މިސްކޫލުން އަލަށް ތަޢާރަފްކުރެވުނު އެދުރުކަލޭފާނު އެވޯޑުވެސް ވަނީ ދެވިފައެވެ. ސްކޫލުގައި 20 އަހަރަށްވުރެ ގިނަދުވަސް ވާދެން ބޭނުންކުރަމުން އައި ޔުނިފޯމު ބަދަލުކުރެވި ސްކޫލުގެ އަމިއްލަ ލަވައެއް ތަޢާރަފްކުރެވި މިއަހަރުވަނީ އެލަވަ ބޭނުންކުރަން ފެށިފައެވެ.

ދުވަހެއް ދުވަހަކަށް ނޮޅިވަރަންފަރު ސުކޫލުން ފޯރުކޮށްދެމުންދާ ތަޢުލީމުގެ ފެންވަރު މަތިކުރުމަށާއި، ދަރިވަރުންނަށް ލިއްބައިދެވޭ ފުރުޞަތުތައް އިތުރުކުރުމަށް އިސްކަންދިނުމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ދެ އަހަރުވެސް ދިވެހިރާއްޖޭގެ ގަދަ 10 ގައި ނޮޅިވަރަންފަރު ސުކޫލުގެ ދަރިވަރުންވަނީ ހިމެނިފައެވެ. އަދި މިހާރު ސްކޫލުން އެންމެ ބޮޑު އަމާޒެއް ހިފާފައިވަނީ މަތީ ޘާނަވީ ފެށުމަށް ބޭނުންވާ މިންވަރަށް 5 މާދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށެވެ.

ނޮޅިވަރަންފަރު ސުކޫލަކީ ތަޢުލީމާ އެއްވަރަށް އިތުރު ހަރަކާތްތައްވެސް އިސްކަންދީގެން ހިންގާ ސުކޫލެކެވެ. ސްކައުޓް، ކަބުސްކައުޓް، ގާލްގައިޑް، އަދި ލިޓިލްމެއިޑް ހަރަކާތްތަކަކީ މިހާރުވެސް ވަރަށް ފޯރިޔާއެކު މި ސުކޫލުގައި ހިންގަމުންދާ ހަރަކާތްތަކެކެވެ.

ކާމިޔާބު ދުވަސްތަކެއް މާޒީއާއިއެކުވެގެން ދާއިރު ފާއިތުވި އަހަރަކީ ނޮޅިވަރަންފަރު ސުކޫލަށް ފޫނުބެއްދޭފަދަ ބޮޑު އުނިކަމެއްވެސް ލިބިންގެން ދިޔަ އަހަރެކެވެ. ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި މި ސްކޫލަށް ވަރަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ހުސެން އަބުދުﷲ (ހުސެން ސަރ)  މިދުނިޔެއާއި ވަކިވެގެން ދިއުމަކީ މިއަދުވެސް ނޮޅިވަރަންފަރު ސުކޫލުގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިން އަދި ސްކޫލުގެ ހުރިހާ މުވައްޒަފުންވެސް ހިތާމަކުރާކަމެކެވެ. 35 އަހަރަށްވުރެ ގިނަ ދުވަހު ސްކޫލަށް ޚިދުމަތްކޮށް އަދި ނޮޅިވަރަންފަރު ސުކޫލު މިގޮތުގައި މިއަދުގެ ޖީލާ ހަވާލުކުރުމަށް ހުސެން ސާރ ކުރައްވާފައިވާ އަގުނުކުރެވޭފަދަ ބުރަ ބޮޑު އިހުލާސްތެރި މަސައްކަތްތައް ނޮޅިވަރަންފަރުގެ ހުރިހާ ރައްޔިތުންވެސް ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުއެވެ.

ފާއިތުވި ދުވަސްތަކުގައި ސްކޫލު ހިންގެވުމުގައްޔާއި އަދިވެސް އެހެނިހެން ގޮތްގޮތުން އެމަނިކުފާނު ސްކޫލަށްޓަކައި އަދި ނޮޅިވަރަންފަރުގެ ތަޢުލީމަށްޓަކައި ކޮށްދެއްވާފައިވާ މަސައްކަތް ވެގެން ގޮސްފައިވަނީ މިއަދު ނޮޅިވަރަންފަރު ސްކޫލުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވެސް ލިބިގެންދިޔަ އަގުހުރި ފިލާވަޅުތަކަކަށެވެ. ޝައްކެއްވެސް ނެތެވެ. އެބޭފުޅާ ނޮޅިވަރަންފަރުގެ ތައުލީމަށްޓަކައި ވީ ޤުރުބާނީގެ މަތިން ދުވަހަކުވެސް ނޮޅިވަރަންފަރުގެ ރައްޔިތުން ހަނދާނެއްނުނެތޭނެއެވެ. އަދި މިދަނޑިވަޅުގައިވެސް އެ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ.

ނޮޅިވަރަންފަރު ސުކޫލަށް 51 އަހަރު ފުރިގެން މިދާ މުނާސަބަތުގައި އެ ސުކޫލަށް ރަށުގެ އެކި އެކި މުއައްސަސާތަކުން ލިބެމުން ދާ އެހީތެރިކަމާއި އެއްބާރުލުމަކީވެސް މިފުރުޝަތުގައި އެ ސުކޫލުން ފާހަގަކުރަން ބެނުންވާ ކަމެކެވެ. ސުކޫލުގެ ކުރިއެރުމަށްޓަކައި އެމުއައްސަސާތަކުން ދެއްވާ އެހީތެރިކަން ފާހަގަކުރަނީ ސުކުރުވެރިކަމާއެކުގައެވެ.

ސުކޫލުން ފާހަގަކުރާގޮތުގައި އެރަށަކީ ތަފާތު ހަތަރު ރަށެއްގެ މީހުން ވަޒަންވެރިވެގެން ދިރިއުޅެމުންއަންނަ ރަށެއްކަމުގައި ވިއަސް މިރަށުގެ ރައްޔިތުން ތަޢުލީމަށްޓަކައި އެކުވެރިކަމާއި އެއްބައިވަތްތަކަން އިސްކޮށް ގުޅިގެން ކުރެވުންދާ މަސައްކަތްތަކުގެ ނަތީޖައަކީ ނޮޅިވަރަންފަރުގެ ތަޢުލީމުވެސް އުޖާލާވެ ކުރިއަރައިދިއުމެވެ.

ނޮޅިވަރަންފަރު ސުކޫލުގެ ޕީ.ޓީ.އޭ އަކީވެސް ވަރަށް ހިންގުންތެރި މުރާލި އެކުވެރި މެންބަރުންތަކެއް އަބަދުވެސް މަސައްކަތްކުރާ ޕީޓީއޭ އެއްކަން ސުކޫލުން ފާހަގަކުރެއެވެ. އަދި ސުކޫލަށް ދިމާވާ ގިނަ ކަންތައްތަކުގައި ޕީޓީއޭގެ އެހީތެރިކަމާއި މަދަދުވެރިކަން ނިހާޔަތައް ލިބެމުން އަންނަކަމީވެސް މިސްކޫލު ކާމިޔާބު ސްކޫލެއްގެ ގޮތުގައި ހިންގުމަށް ލިބޭ ހިތްވަރެކެވެ.

ވުމާއިއެކު ޕީޓީއޭގައި ޚިދުމަތްކޮށްދެވާ އަދި ޚިދުމަތްކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކާއި ލޮބުވެތި ބެލެނިވެރިން ސުކޫލާއިމެދު ގެންގުޅޭ ފަހި ވިސްނުންބަލައިގަނެ އެކަމަށްޓަކައި ސުކޫލުގެ އެންމެހާ ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންނަށްވެސް ސުކޫލުން ޝުކުރުއަދާކުރަނީ އުފަލާއެކުގައެވެ. އަދި އަމާންކަމާއި އޮމާންކަމާއެކީ ކުރިއަށްއޮތް ދުވަސްތަކުގައިވެސް މިސުކޫލަށް ކުރިއެރުމާއި ފާގަތިކަން ލިބިގެން ދިއުމަކީ އަބަދުގެވެސް ދުއާއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި