ސައުދީ އަރބިއްޔާގައި 24 ގަޑިއިރުގެ ކާފިއު ހިންގައި، ފިތުރުއީދާއި ގުޅިގެން ލިބޭ 5 ދުވަހުގެ ބަންދުގެ މުއްދަތުގައި މުޅި އެ ޤައުމު އެއްކޮށް ފުރަބަންދު ކުރުމަށް ސައޫދީ ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން، ސައުދީ އަރަބިއްޔާގެ ހުރިހާ ސިޓީތަކާއި، ރީޖަންތަކުގައިވެސް 24 ގަޑިއިރު ކާފިއު ހިންގާފައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައި އެކަން އިޢްލާން ކޮށްފައެވެ.
ސައުދީގެ ފުރަބަންދުގެ ފިޔަވަޅުތައް ވަރުގަދަކޮށް 24 ގަޑިއިރު ކާފިއު ހިންގުމަށް ނިންމާފައިވަނީ މެއިމަހުގެ 23 އިން 27 އަށެވެ. އެއީ، ސައުދީ އަރަބިއްޔާއަށް ރަމަޟާންމަހުގެ 30 ވަނަ ދުވަހުން ފެށިގެން އިތުރު 5 ދުވަހުގެ މުއްދަތަށެވެ.
ސައުދީ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެއި 23 ގައި ފުރިހަމަ ފުރަބަންދަކަށް ގޮސް، ކާފިއު ހިންގި ނަމަވެސް، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން މިހާރުވެސް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދެމިއޮންނާނޭ ކަމަށެވެ.
އިޖުތިމާއީ ގައިދުރުކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ފަސްމީހުންނަށްވުރެ ގިނައިން މީހުން އެއްތަންވުން މަނާކޮށްފައި އޮތްއޮތުން ދެމިއޮންނާނޭ ކަމަށާއި، އަދި ރަސްގެފާނުގެ ޝާހީ އަމުރުފުޅާއި، ދާޚިލީ ވުޒާރާއިން ކުރިން ނިންމާފައިވާ ނިންމުންތަކުގެ ދަށުން، އިގްތިސާދީ މަސައްކަތްތަކާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ދީފައިވާ ދޫތައް، މެއިމަހުގެ 13 އިން 22 އަށް ދެމިއޮންނާނޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މައްކާ ފިޔަވައި، ސައުދީ އަރަބިއްޔާގެ އެހެން ސިޓީތަކާއި، ރީޖަންތަކުގައި މިހާރު ހިންގާފައިވާ ކާފިއުއަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދީފައި ލުއިވެސް ދެމިއޮންނާނޭ ކަމަށް ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރަބި ދުނިޔޭގެ އެންމެބޮޑު އިގްތިސާދު ކަމުގައިވާ ސައުދީ އަރަބިއްޔާ ވެފައިވަނީ ގަލްފް ސަރަހައްދުން ކޮވިޑް-19 ބަލި އެންމެ ގިނަމީހުންނަށް ޖެހިފައިވާ ގައުމަށެވެ. ވައިރަސް ފެތުރުން ހުއްޓުވަން ސައުދީ ސަރުކާރުން ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސައުދީ އަރަބިއްޔާއިން ކޮވިޑް-19 ބަލީގައި މިހާތަނަށް 273 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 44،830 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 17،622 މީހުން ބަލިން ފަސޭހަވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!