ހއ. ތަކަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްނުވާ ކުއްޖަކު ކަރަންޓީނު ފެސިލީޓީއަކަށް ގެންދެވުމުން ސަރުކާރުން އެކަމަށް މައާފަށް އެދިއްޖެއެވެ.
ތަކަންދޫން ކޯވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން އެރަށަށް އަންގާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ކޯވިޑަށް ޕޮޒިޓިވް ވި މީހުންކަމަށް އެޗްޕީއޭއިން ދިން މައުލޫމާތާއި އެއްގޮތަށް ތަކަންދޫން އެއަތޮޅު ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެކެވެ.
ނަމަވެސް ރޭގައި އެޗްޕީއޭއިން ވަނީ ކޯވިޑަށް ޕޮޒިޓިވްވީ އަންހެން ކުއްޖެއް ކަމަށް އެކުއްޖާގެ ޢާއިލާއަށާއި ސިއްޙީ މަރުކަޒަށް އަންގާފައިވާ ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެއީ އޮޅުމަކުން ވީ ކަމެއް ކަމަށާއި އެކަމާ ގުޅިގެން އާއިލާއާ މިހާރު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
މިކަން ހިނގާފައިވާގޮތަކީ ޕޮޒިޓިވްވި ކުއްޖަކާއި، ޕޮޒިޓިވްނުވާ ކުއްޖެއް މީގެތެރޭގައި ހިމެނޭއިރު ޕޮޒިޓިވް ކުއްޖާއާއި އަނެއް ކުއްޖާގެ ނަމުގެ ތަފާތަކަށް އިންނަނީ އެއް އަކުރުގެ ތަފާތަކަށްވުންކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިއީ އެއް އާއިލާއެއްގެ ނަމަވެސް ދެ ގެއެއްގައި ދިރިއުޅެމުން އަންނަ ދެކުދިން ކަމަށް މަބްރޫކް ވިދާޅުވިއިއެވެ. އަދި ކަރަންޓީނަށް ގެންދެވިފައިވަނީ ޕޮޒިޓިވްވި މީހަކާއި އޭނާގެ ދަރިފުޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރަންޓީނަށް ގެންދިޔަ ކުޑަ ކުއްޖާ ނެގެޓިވް ނަމަވެސް އެއީ ކްލޯޒް ކޮންޓެކްޓެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން އެ ކުއްޖާ އަދިވެސް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ޕޮޒިޓިވްވި އެހެން ކުއްޖެއް އަޅުގަނޑުމެނަށް ހުރީ އެ ރަށުގައި ބެހެއްޓިފައި. އެ ކުއްޖާ މިހާރު ގެންދިއުމުގެ މަސައްކަތް އެބަކުރޭ. އެއީ އެކަންތައް ހިނގާފައި އޮތް ގޮތަކީ އެކަމަށް އިންތިހާއަށް މައާފަށް އެދެން އެޗްޕީއޭގެ ފަރާތުން ވަނީ އެ އާއިލާއާ ވާހަކަ ދައްކާފައި،" މަބްރޫކް ރޭ ވިދާޅުވި އެވެ.
ހުސްވި މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ދަތުރު ކުރި ތަކަންދޫ 36 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން ތިން މީހުން މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ކާވިޔާ ބޯޓުން ދަތުރު ކުރި 36 މީހުންގެ ތެރެއިން މިހާރު ރަށުގައި ތިބި 33 މީހުންގެ ޑަބަލް ސާމްޕަލްނެގި ނަމަވެސް އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ސާމްޕަލް އަދި ނުނަގާ ކަމަށާއި، އެކަން ލަސްވާތީ ކަންބޮޑުވާ ކަމަށް ތަކަންދޫ ކައުންސިލްގެ ނައިބު ރައީސާ އައިޝަތު އާސިފާ ރޭ ވަނީ ވިދާޅުވެފައެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ޕޮޒިޓިވު ވެފައިވާއިރު، އެ ބޯޓުގައި ދަތުރުކުރި އިވަންދޫ 35 މީހުންނާއި، ހދ. ވައިކަރަދޫ 23 މީހެއްގެ ސާމްޕަލްތައް ވަނީ ނެގެޓިވު ވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ވަނީ 519 މީހުން ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!