މިވަގުތު ތިބީ 905 ޑޮކްޓަރުން އަދި 2907 ނަރުހުން ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިވަގުތު ޚިދުމަތުގައި ތިބީ 905 ޑޮކްޓަރުން އަދި 2907 ނަރުހުން ކަމަށެވެ.
އޭގެ އިތުރުން ބޭރު ޤައުމުތަކުން އަދި ދަރިވަރުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ނިމުމަށްފަހު މެޑިކަލް ޓީމްތަކާ ގުޅޭނެ ކަމަށާއި، މިހާރު މިދާގޮތަށް ދާނަމަ، ޑޮކްޓަރުންނާއި ނަރުހުންގެ ޝޯޓޭޖެއް އުޅެދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޓެސްޓް ކިޓާއި ބެހޭ ގޮތުން މަބްރޫކް ވިދާޅުވީ 3500 ޓެސްޓިން ކިޓް މިހާރު އެބަހުރި ކަމަށެވެ. އޭގެ އިތުރުން ޗައިނާ އިން ދޭ 20،000 ކިޓާއި ޑަބްލިޔުއެޗްއޯ އިން ދޭ 5،000 ކިޓް ލިބުމުގެ މަގުމަތީގައި ވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް 4014 ޓެސްޓު ހަދާފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
"އެސްޓީއޯގެ ފަރާތުން މިހާރު އެބަ މަސައްކަތް ކުރޭ ދެ ކަމެއްގައި. އެއް ކަމަކީ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނެއް ގެނައުމުގެ މަސައްކަތް. އޭތި އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެނީ. އަނެއް ކަމަކީ ޓެސްޓިން ކިޓް އިތުރުކުރުމުގެ މަސައްކަތް." މަބްރޫކް ވިދާޅުވިއެވެ.
އޭގެ އިތުރުން މަބްރޫކް ވަނީ ކޯވިޑް-19ގެ ފަރުވާއަށް ބޭނުންކުރަން ސަރުކާރުން ހޯދަން އިއުލާނުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ހަ ވެންޓިލޭޓަރު ލިބިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިހާރު މި ހޯދަނީ 135 އައިސީޔޫ ވެންޓިލޭޓާ އަދި 14 ޓްރާންސްޕޯޓަބަލް ވެންޓިލޭޓާ. މީގެ ތެރެއިން ޓްރާންސްޕޯޓަބަލް ހަ ވެންޓިލޭޓަރު މިއަދު ރާއްޖެއަށް އައިސްފި." މަބްރޫކް ވިދާޅުވިއެވެ.
97 ވެންޓިލޭޓަރާއި 77 އައިސީޔޫ އެނދުގެ ޖާގަ ރާއްޖޭގައި އެބަހުރި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ޖުމްލަ 52 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!