މާލެއިން އިތުރު ދެ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޭސް 23 އާއި ސީދާ ބައްދަލުވި ދެ ދިވެހިން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. މި ދެ ކޭހާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.

Ad
rt

އެޗްޕީއޭ އިން ބުނީ، ކަރަންޓީން ފެސިލިޓީސްގައި ތިބި އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މާލެއިން އިއްޔެ ތިން ކޭސް ފެނުމާ ގުޅިިގެން އެޗްޕީއޭ އިން ވަނީ ރައްކާތެރިވުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، ބުދަ ދުވަހުން ފެށިގެން މާލެއަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުން އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި މެނުވީ އެރުން މަނާކޮށް، މީހުން އެއްވުންވެސް ވަނީ މަނާ ކޮށްފައެވެ.

މާލެއިން ފުރަތަމަ މިބައްޔަށް ފައްސިވި ކޭސް 21 އަކީ އަންހެނެކެވެ. ދެވަނައަށް ފައްސިވި ކޭސް 22 އަކީ ކޭސް 21 އާއި ސީދާ ބައްދަކުވި، އޭނާގެ ތުއްތު ދަރިފުޅެވެ. އަދި ކޭސް 23 އަކީ ކޭސް 21، 22 އާއި ސީދާ ބައްދަލުވެފައިވާ މީހެކެވެ.

ކޭސް 21،22،23 އާއި ގުޅިގެން އިއްޔެ ހަވީރު ސަރުކާރުން ހާމަކުރެއްވި މައުލޫމާތުތައް:

ކޭސް 21 އަދި 22 އާއި ގުޅިގެން

  • ހައި ރިސްކްގައި 75 މީހުން
  • މީޑިއަމް ރިސްކްގައި 43 މީހުން
  • ލޯ ރިސްކްގައި 89 މީހުން
  • 21، 22 އާއި ގުޅޭ ޖުމްލަ 207 މީހުން

ކޭސް 23 އާއި ގުޅިގެން

  • ޖުމްލަ 35 ކޮންޓެކްޓެއް ފާހަގަ ކުރެވިފައި
  • ހައިރިސްކްގައި 7 މީހުން
  • މީޑިއަމް ރިސްކް 28 މީހުން

މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން އެޗްޕީއޭއިން ވަނީ 22 ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފައެވެ. އޭގެ ތެރޭގައި އަތޮޅު ތަކުގެ ބައެއް ރަށްތަކުގެ ގެތައްވެސް ހިމެނެއެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 25 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ ހަތް މީހުންގެ ތެރެއިން ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 10 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިބައްޔާއި ގުޅިގެން ރާއްޖޭގައި 985 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3497 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 25 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 3137 މީހުންނެވެ. 270 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.