ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ނިންމައި، ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން އާންމު ކުރި އެންގުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު /2012 July 2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން, ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ އާންމު ހާލަތެއް, 12 މާރިޗު ގައި 2020, މިނިސްޓަރު އޮފް ހެލްތު އިޢުލާނު ކޮށްފައި ވާކަމަށެވެ.

Ad
rt

އެހެން ކަމުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން, ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ، 2020 އެޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެއްގައި، ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާ ކަމށް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައިވާ ފިޔަވަޅުތައް

1. ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން.
2. މި އެންގުމުގެ 1 ވަނަ ނަންބަރުގައި ފިޔަވަޅު އަޅައިފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޝަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.
3. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއުޅުން ހުއްޓައިލުން. ޚާއްޞަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުން.
4. ބަލިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއް ގައިވެސް ޢަމަލުކުރުމާއި، ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން.
5. ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުން.

މިފިޔަވަޅުތައް އެޅުމަށް އެންގި ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، މި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި
ފަރާތްތަކަށް އަންގާ ކަމަށާއި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.