ފިޔަފާޅިގެ އެޅުން: ފިޔަފާޅިގެ މިގެއަކީ ދަނޑުން ގޮވާން ކަނޑަން ފަށަންވާއިރަށް ދަނޑުމަތީ އަޅާ ގެއެކެވެ. މި ގެ އެޅުމުގައި ކޮންމެ މީހަކުވެސް ބަލާނީ އެމީހަކު ހެއްދި ގޮވާން ރަށައް ގެންދިއުމުގެ ކުރީން ރައްކާ ކުރެވޭ ވަރުގެ ގެ އެއްގެ ގޮތުގައެވެ. އެ ގޭގައި ހުންނާނީ އެކި ވަރު ވަރުގެ ފައްލަވަ ހަދާފައެވެ. އަދި ގޭގައި ދެމީހަކަށް ނިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. އެ އީ ވަގުންގެ އަތް ދަށުންނާއި މީދަލުގެ ކިބައިން ހެއްދި ގޮވާން ކޮޅު ރައްކާ ކުރުމުގެ ބޭނުމުގައެވެ.
ގޮވާން ކެޑުމާއި އާބިންބި ކެއުން: ގޮވާން ކަނޑަންވީމައި އެހުރުމީހާ ބަލާ ޝާޢަތެއް ބެލުމަށް ފަހު އެހުރުމީހާ ދަނޑުގެ ކޮންމެވެސް ސަރަޙައްދަކުން އެ ޝާޢަތެއްގައި ގޮވާން ކަޑާނެއެވެ. ދެން އެއަށްފަހު ދަނޑުވެރީންނަށް އަންގާނެއެވެ. އޭގެ ކުރިން ދަނޑުތަކުގައި ގޮވާން ދޮންވެ ފައްކާވިއަސް އެކަމެއް ދަނޑުވެރީންނަކަށް ނުކުރެވޭނެއެވެ. އެހުރުމީހާ ބުނާ ރަނގަޅު ޝާޢަތެއްގައި ނޫނީ އެކަމެއް ނުކުރެވޭނެއެވެ. އެއީ ޢާއްމުކޮށް ދަނޑުވެރީން ގޮވާން ކެނޑުމުގެ މަސައްކަތް ކުރަމުން ގެންދާގޮތެވެ.
ދެން ދަނޑުވެރީން އެބައިމީހުންގެ ދަނޑުތަކުން ގޮވާން ކަނޑަށް ފަށާފާނެއެވެ. މިގޮތުގައި އެއްހަފުތާ ދަނޑުވެރީން ގޮވާކެޑުމަށްފަހު ޖެހިގެން އަންނަ ހަފުތާގައި އެހުރު ދަނޑާއި، އޮޑިވެރި ދަނޑުން ގޮވާން ކަނޑާނެއެވެ. މި ހަފުތާގައި ނުނިމުނު ނަމަ އެއް ހަފުތާ މެދަށް ދޫކޮށްފައި އެކަން ނިންމާނެއެވެ. މި ނަންގަނެވުނު ގޮވާންތައް ގެންދާނީ އެހުރު މީހާގެ ފިޔަފާޅިއަށެވެ.
އާ ބިންބި ކެއުން މިއީ ދަނޑު ގޮވާންކުރުމަށް ފަޅު ރަށްރަށަށް ގޮސް ތިބޭ ތިބުމުގައި ކުރާ ވަރަށް މުހިންމު ކަމެކެވެ. މިކަން ކުރަމުން ގެންދާ ގޮތާއި ކުރާ ބޭނުމާއި ކުރާ ދުވަސް ވަރު ހާމަ ކޮއްދެވޭތޯ ބަލައިލާނަމެވެ.
މި ކުޑަކުޑަ މުޖުތަމައު ދިރި އުޅެމުންގެންދިޔައީ ފަޅުރަށެއްގައި އެކަނިމާ އެކަންޏެވެ. ބައްދަލުވެ ވާހަކަ ދައްކާލާލެ އިތުރު މީހަކު އެ ރަށަކައް ނާންނާނެއެވެ. މޫސުން ގޯސްވެގެން ދަތުރުވެރިއަކު ޖެއްސުން ފިޔަވައި އެހެންގޮތެއްގައި މީހަކު ނުފެންނާނެއެވެ. ދެން އެންމެ އުފާވެރި ދުވަހެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ވެގެންދިޔަ ދުވަހަކީ އާބިންބި ކާދުވަހެވެ. އާ ބިންބި އަކީ ދަނޑު ގޮވާން ކުރުމަށް ގޮސް އުޅޭ އިރު ހައްދާ ގޮވާން ބޭނުން ކުރަން ފެށުމުގެ ކުރިން ކުރާ ކަމެކެވެ. މިކަން ކުރުމަށް ވަރަށް ބޮޑު ރަސްމިއްޔާތެއް ބާއްވާނެއެވެ. އެ ރަށެއްގެ ކައިރީ މީހުން ދިރިއުޅޭ ރަށް ރަށުގެ މީހުންނަށް ދަޢްވަތު ދީގެން ބާއްވާ ބޮޑު ކެއުމެކެވެ. މި ކެއުމަށް ބޭނުން ކުރާނީ ދަނޑުތަކުން އެންމެ ފުރަތަމަ ކަޑާ ގޮވާމެވެ. މި ގޮވާން ކެޑުމަށްފަހު މި ރަސްމިއްޔާތައް ތައްޔާރު ކުރާނީ އެހުރު މީހާ ކަނޑައަޅާ ދުވަހެއްގައެވެ. އެގޮތުން އެހުރުމީހާ ކައިރި ރަށްރަށުގެ މީހުންނަށް ދަޢްވަތުދީ އެކަމުގެ އިންތިޒާމު ހަމަޖައްސާނެއެވެ. އެ ދުވަހަކަށް ކެއުން ތައްޔާރު ކުރުމުގައި އެންމެންވެސް ބައިވެރިވާނެއެވެ.
މި ކެއުން ތައްޔާރު ކުރާ ރެއަކީ ކުޑަވަރެއްގެ ބޮޑު މައުލޫދެއްފަދަ ރެއެކެވެ. މިރެއަށް ދަޢްވަތު ދިން ރަށް ރަށުގެ މީހުން އައިސް ޖަމާވާނެއެވެ. އެމީހުން އަންނާންވާއިރަށް އާ ބިންބި ކެއުމަށް ރިޔާ ދަމާ ބޮޑު ރަސްމިއްޔާތެއް ބޭއްވުމުގެ ހުރިހާ ތައްޔާރީ ތަކެއްވާނެއެވެ. މި ކެއުމަށް ތައްޔާރު ކުރެވޭނީ އެ ބައިމީހުން ހައްދާ ބާވަތް ތަކެވެ. ކުރިންވެސް ނަންގަނެވުނު ފަދައިން ޢާއްމު ގޮތެއް ގައި ހައްދާ އުޅެނީ ބިންބި ކުދިބަތް ކަރާ ބަރަބޯ މިރުސް ހައްދާ އުޅެއެވެ. އެރެއަކަށް ތައްޔާރު ކުރެވޭ ބާވަތް ތަކުގެ ތެރޭގައި ކުދި ބަތުން ކައްކައި ކައި އުޅޭ ހުރިހާ ބާވަތަކާއި ބިންބިން ކައްކައި ކައި އުޅޭ ހުރިހާ ބާވަތެއް ތައްޔާރު ކުރާނެއެވެ. އޭގެ ތެރޭގައި ކުދިބަތު ބަތް ،ބޮޑިބަތް ކަނދި ހުންނަ އިރު ބިންބިން ތައްޔާރު ކުރެވޭ ބާވަތް ތަކުގެ ތެރޭގައި ބިންބި ރޮށި، ލޮނު ބިންބި ، ފޮނި ބިންބި، މޮއްގަޑު ބިންބި ( ފޮނިކޮންނާއި ކުޅިކޮން ) ހުރެފައި ބަރަބޮލުން ހަދާ ތަކެތިން ޢާއްމު ކޮށް ބޭނުންކުރާ ރިހަ އާއި ކަނދި ހުންނާނެއެވެ.
މި ކެއުން ކައި ނިމިގެން ސަލަވާތް ފާތިޙާ ކިޔެވުމަށް ފަހު ޒިކުރު ކިޔާނެއެވެ. ޒިކުރު ކިޔަވާނީ ދަޢްވަތު ދިން ރަށް ރަށުން އަންނަ މީހުންގެ ތެރެއިން އެކަމަށް ކަނޑައަޅައިގެން ދަޢްވަތު ދީގެން އަންނަ ބަޔެކެވެ. އިސްވެ ސަލަވާތް ފާތިޙާ ކިޔަވާނީ ދަޢްވަތު ދިން ރަށް ރަށުން އަންނަ ކޮންމެވެސް ކަތީބެއް ނުވަތަ މުދިމެކެވެ. ދަޢުވަތު ދިން މީހުން ފުރައިގެން ދާނީ އަނެއްދުވަހު ހެނދުނު އެވެ. އެމީހުން ފުރުމުގެ ކުރީން އެމީހުންނަށް ކޮންމެވެސް ކެއުމެއް ދެވޭނެއެވެ. އެއީ އެރޭ ކެއްކި އެއްޗެހީގެ ތެރެއިން ނުބައި ނުވާ ބާވަތްތަކުގެ ބާކީ ހުންނަ ތަކެތިންނެވެ. އަދި ފުރުމުގެ ކުރީން ހަދިޔާ ބަދިޔާ ދެވޭނެއެވެ.
ބައެއް ރައްޓެހީން ގޮވާން ކަޑައިދީ ނިމެންދެން މަޑުކުރާނެއެވެ. އަދި ބައެއްމީހުން އުޖޫރަ ދީގެން ގޮވާން ކެޑުމަށް ބޭނުންވާ ބަޔަކުވެސް އެ ރަށުގައި މަޑުކުރާނެއެވެ. މި ކަމުގެ ސަބަބުން ރައްޓެހި ރަޙްމަތްތެރިކަން އާލާވެ ގާތް ގުޅުމެއް އުފެދިގެން ދެއެވެ. އެ ޒަމާނަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ދަތި ޙާލުގައި އުޅުނު ޒަމާނަކަށްވާތީ ގޮވާން ކަޑައި ދިނުމަށް އަންނަ ބައެއްބީހުން ބަނޑުކުރާގެ ބޭނުމުގައިވެސް ގޮވާން ކަޑައިދޭން އައިސް އުޅެއެވެ. ބަނޑު ކުރަޔަކީ ގޮވާން ކަޑާ ނިމުމަށްފަހު ގަހުން ނުކުންނަ ކުރައަށް ކިޔާނަމެކެވެ.
ބިންބި ތެޅުމާއި ބިންބި މުގުރުން: ބިންބިތެޅުމޭ މިކިޔަނީ ގޮވާން ކަޑައި ނިމި ބިންބި ކުރައިން ވަކި ކުރުމަށް ކިޔާނަމެކެވެ. ޒަމާނުންސުރެ މިކަން ކުރަމުން ގެންދަނީ އަންހެނުންނެވެ. ޢާއްމުގޮތެއްގައި މިކަން ކުރާގޮތަކީ ލަކުޑި ވަނަކަށް އަޅައިގެން ކުރެދިން ހަދާފައި އޮންނަ މޯލަކުން ތަޅަނީއެވެ. ތަޅަންފެށުމުން ކުރައިން ގޮވާންތައް ވަކިވާނެއެވެ. ކުރައިން ގޮވާންތައް ވަކިވުމުން ސާފުކުރުމަށްފަހު ގޯނި ގޯޏަށް އަޅައިރައްކާކުރާނެއެވެ. ކާން ބޭނުންކުރަންވީމައި ހިލަ އުޑިއަކުން މުގުރާނެއެވެ. އުޑިއަކީ ރާއްޖެއިން ބޭރުން އެކަމަށް ޚާއްސަކޮއްގެން ހަދައިގެން ގެނެސް ގެންގުޅޭ އާލާތަކަށް ކިޔާނަމެކެވެ.
https://thiladhun.com/26764
ޒަމާނުންސުރެ ދަނޑުވެރިކަން ކުރަމުންގެންދާއިރު މި މަސައްކަތުގެ އެންމެ ބޮޑު ބައެއް އަދާކުރަމުން ގެންދަނީ އަންހެންވެރީންކަން ފާހަގަކުރަން ޖެހެއެވެ. މިބައި މީހުންނަކީ އަބަދުވެސް ދަނޑުވެރި ކަމުގެ ލާމަސީލު ނަމޫނާ ބައެކެވެ. ފަޅުރަށް ރަށުން ފެށިގެން ރަށުގައި ދަނޑު ބިމުގައާއި އަމިއްލަ ގޯތީގައި ދަނޑުހެއްދި ކަމުގައި ވިއަސް މިބައިމީހުންގެ ފުރިހަމަ ހިއްސާ ގަސްތަކަށް ލިބެމުން ދެއެވެ. އަދި ޖަމްއިއްޔާ ޖަމާއަތް ކޮމެޓީ ހަދައިގެންވެސް ދަނޑު ހައްދައިގެން އާމްދަނީ ހޯދައި ރަށުގެ ތަރައްޤީ އަށާއި ޅަދަރީންގެ ތަޢުލީމަށް ޚަރަދު ކުރަމުން ގެންދާކަން ނުހަނު އުފަލާއި އެކު ފާހަގަކުރަމުއެވެ.
(ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!