ކޮވިޑް-19ގެ ސަބަބުން އިންޑިއާގެ ޓްރިވެންޑްރަމްގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެންނަން މިމަހުގެ 11 ވަނަ ދުވަހު ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ދަތުރެއް ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް އެވެ.
އެނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ޓްރެވެންޑަރަމަށް އަޅާ ހާއްސަ ފްލައިޓުން ރާއްޖެ އަންނާނީ ހުސްވި މާރިޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައިވަނިކޮށް ފްލައިޓު ކެންސަލްވުމާ ގުޅިގެން އެ ތަނުގައި ތާށިވެފައި ތިބި މީހުންނާއި، އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ޓްރިވެންޑްރަމަށް ގޮސް ނާދެވިފައި ތިބި މީހުން ކަމަށެވެ.
މޯލްޑިވިއަނުން މިހާރުވަނީ ކޮލަމްބޯއަށާއި، ކޮޗިންނަށްވެސް ހާއްސަ ފްލައިޓެއް އަޅާފައެވެ. މެލޭޝިޔާއަށްވެސް އެ އެއަރލައިންގެ ދެ ދަތުރު ކުރުމަށް ނިންމާފައިވާއިރު ފުރަތަމަ ދަތުރަށް ޓިކެޓް ވިއްކަން ފެށުމާއި އެކު އެ ފްލައިޓް މިހާރުވަނީ ފުލްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!