ރާއްޖެ ނާދެވި، ހަތަރު ޤައުމެއްގައި ތާށި ވެފައިތިބި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފި އެވެ.

ނަމަވެސް ލަންކާ މަގުން ރާއްޖެއަށްނަން ގިނަ ދިވެހިން ތަކެއް ތިބުމާއިއެކު ލަންކާއަށް އަށް އަޅާ މިއަދުގެ ފްލައިޓް މިހާރު ފުލް ވެފައިވާ ކަމަށްވެސް މޯލްޑިވިއަނުންވަނީ ބުނެފައެވެ.

Ad
rt

މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަންއިން ރޭގައި ބުނީ މިއަދާއި މާދަމާ ލަންކާއާއި އިންޑިއާގެ ކޮޗިންއަށް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލަންކާއަށް ދެ ދަތުރު އަދި ކޮޗިންއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ ޓްރެވެންޑްރަމަށާއި މެލޭޝީއާގައި ވެސް ގިނަ ދިވެހިންތަކެއް ރާއްޖެ އަންނަން ބޭނުންވެފައި ތިއިރު، ފޮރިން މިނިސްޓަރު ޝާހިދު ރޭ ވިދާޅުވީ އެ ދެ ތަނަށް އަޅާ ފްލައިޓްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ފަރާތުން ވެސް ވަނީ އެ ދެ ތަނަށް ވެސް ވަރަށް އަވަހަށް ފްލައިޓް އަޅައި، ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެހެން ގައުމުތަކުގެ އެއާ ސްޕޭސް ބޭނުން ކުރަން ނަގަންޖެހޭ ހުއްދަތަކެއް ހުންނަކަމަށާއި އެ ހުއްދަތައް ހޯދުމުގެ މަސައްކަތް މޯލްޑިވިއަނުން ކުރަމުން އަންނަ ކަމަށެވެ.

"އެހެން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ. ތާރީހާއި ވަގުތު އެނގުމުން މައުލޫމާތު ހިއްސާ ކުރަމުން ގެންދާނަން،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ބައެއް ގައުމުތަކަކީ މޯލްޑިވިއަން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ނުވާތީ ކުއްލިއަކަށް އެކަންކަން ހަމަނުޖެހޭ ކަމަށެވެ. ނަމަވެސް ދިވެހިން ގިނައިން ދިރިއުޅެމުން އަންނަ ގައުމުތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސާފައިމިވަނީ ކޮވިޑް-19 ގެ ސަބަބުން އިންޑިއާ އަދި ލަންކާއިންވެސް ބޭރުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާ އެއާޕޯޓް ބަންދުކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން އެ ދެ ގައުމުގައި ރާއްޖެ ނާދެވި ވަރަށް ގިނަ ދިވެހިން އެބަ ތިއްބެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި، ބަންގްލަދޭޝް، ނޭޕާލް އަދި މެލޭޝިޔާގައިވެސް ދިވެހިން އެބަ ތިއްބެވެ.