ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށީއްސުރެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެވައިރަސްއާއި ބެހޭ މަޢުލޫމާތާއި، ސިއްޚީ ލަފާ ދިވެހިންނަށް ފޯރުކޮށް ދެމުންނެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތާއި، ސިއްޚީ ހޭލުންތެރިކަމުގެ މައުލޫމާތު އަދި އާންމުން ހޭލުންތެރި ކުރުމުގެ ކަންކަން ކެނޑިނޭޅި ހިންގަމުންއަންނަ ސަރުކާރުގެ އިދާރާ، ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކަކީ މިބަލިން ރައްކާތެރި ވުމަށާއި، ފެތުރުނަ ނުދިނުމަށް ވަރަށް މުހިންމު އިރުޝާދު ތަކެކެވެ. އެ އެޖެންސީއިން ދަނީ 24 ގަޑި އިރު އެއިރުޝާދުތައް ރައްޔިތުންނަށް ފޯރުކޮށް ދެމުންނެވެ.
ކަމެއްގެ ނަތީޖާ އެންމެ ރަނގަޅަށް ނުކުންނާނީ އެކަމެއް ކުރަންވާ ގޮތަށް ކޮށްގެންނެވެ. އެހެން ކަމުން ރާއްޖެއިންވެސް މިހާރު ހަމީހެއް ޕޮޒިޓިވް ވެފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭގެ އިރުޝާދު ތަކުގައި ފުރިހަމައަށް ހިފައި އަމަލުކުރުން އެއީ މިވަގުތައް އެންމެ ބޭނުންތެރި ކަމެވެ. ހަމައެޔާއިއެކު ރާއްޖޭގެ ބައެއް ޑޮކްޓަރުން ކެނޑިނޭޅި ދެއްވަމުން އެގެންދަވާ ސިއްޚީ އިރުޝާދާއި، ލަފާގައި ހިފައި އަމަލުކުރުން ނުހަނު ބޭނުން ތެރިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު ބޭނުން ކުރަންވީ ގޮތާއިމެދު އެޗްޕީއޭގެ އިރުޝާދު ކުރުކޮށް މިތާގައި ބަލައިލާނަމެވެ.
"މާސްކު އަޅަންޖެހޭނީ ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނަށް އެހީތެރިވާ މީހުން އަދި ކެއްސާ ކިބިނހި އަޅާ މީހުން. މާސްކު ބޭނުންކުރިކަމުގައި ވިޔަސް ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮންނަންވާނެ. ނުވަތަ ސެނިޓައިޒަރ އެއް ބޭނުންކުރަންވާނެ. އަދި މާސްކު ނެގުމަށްފަހު އަވަހަށް ކުނި ވަށިގަނޑަށްއެއްލާލަން ވާނެ" :އެޗްޕީއޭ
މާސްކު ބޭނުން ކުރަންވީ ގޮތާއިމެދު އެޗްޕީއޭގެ އިރުޝާދުގައި ބުނެފައި އެވަނީ މާސްކު އަޅަންޖެހޭނީ ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނަށް އެހީތެރިވާ މީހުންނާއި، އަދި ކެއްސާ ކިބިނހި އަޅާ މީހުންކަމަށެވެ.
މާސްކު ބޭނުންކުރިކަމުގައި ވިޔަސް ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮންނަންވާނެ ކަމަށާއި، ނުވަތަ ސެނިޓައިޒަރ އެއް ބޭނުންކުރަންވާނެ ކަމަށް އެޗްޕީއޭގެ އިރުޝާދުގައި ބުނެއެވެ. އަދި މާސްކު ނެގުމަށްފަހު އެންމެ އަވަހަށް ކުރާންވީ ކަމަކީ ކުނި ވަށިގަނޑަށް މާސްކު އެއްލާލުން ކަމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.