ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީގެ މަޝްވަރާތައް ނިމި، އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާއާ ހަމައަށް އާދެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއެކު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އަދި ވިޔަފާރީގެ ދެބަސްވުންތައް ޙައްލުކުރުމުގެ މަރުޙަލާ ލުއިފަސޭހަކޮށް، ރާއްޖެއަށް ދިގު މުއްދަތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ހިތްވަރުދިނުމަކީވެސް މި ޓްރީޓީގެ ބޭނުމެކެވެ. މި މުއާހަދާގެ މަޝްވަރާތައް ފަށާފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މަޝްވަރާތަކަށް ފަހުގައެވެ.

ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވަމުންދާ ވިޔަފާރީގެ ގުޅުންތަކުގެ ތަފްޞީލު ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޒާމިރު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ޤައުމު ކަމަށެވެ. އެހެންކަމުން އެ ޤައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅުގައި، ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީގެ މަޝްވަރާތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށް ވިދާޅުވިއެވެ.

މި ޓްރީޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑުމެން ބައިލެޓްރަލް އިންވެސްޓްމެންޓް ޓްރީޓީއެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރެވުނު. މިހާރު އެ ޓްރީޓީގެ އެންމެ ފައިނަލް ސްޓޭޖުގައި ނެގޯސިއޭޝަންސްތައް ނިމި ލީގަލް ވެޓިންގައި މިހާރު މިއުޅެނީ. މާނައަކީ، ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ނިންމާފައި ސޮއިކުރުމުގެ މަރުހަލާއަށް ދެވިފައި މިއޮތީ އަޅުގަނޑުމެންގެ މި ޓްރީޓީގައިވެސް،" ކަމަށެވެ.

އިންވެސްޓްމަންޓް ޓްރީޓީގެ އިތުރުން، އިންޑިއާއެކު ޤާއިމުކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައްވެސް ބާރަށް ކުރިއަށްދާކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ދެވަނަ ބުރު މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.

އިންޑިއާއާއެކު އިންވެސްޓްމަންޓް ހިމާޔަތްކުރުމުގެ މުއާހަދާއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން ވަނީ އެކުވެރި ޢަރަބި އިމާރާތާއެކު އިންވެސްޓްމަންޓް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެއިތުރުން ސިންގަޕޫރާއެކުވެސް މިފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ވިޔަފާރީގެ ދާއިރާއިން އޮންނަ ގުޅުންތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން 2025 ވަނަ އަހަރު ވަނީ ތަންފީޒުކުރަން ފަށައިފައެވެ. ހަމައެއާއެކު، ތުރުކީވިލާތާއެކު ސޮއިކުރެވުނު ވަކި ބާވަތްތަކެއްގެ މުދަލުން ޑިއުޓީ މަޢާފުކުރުމުގެ އެއްބަސްވުމަށްވެސް މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.