ހއ. މާރަންދޫގެ ގޭބިސީތަކުގައި ވީ އެންމެ އަވަހަކަށް ނަންބޯޑު ހަރުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކައުންސިލުން މިގޮތަށް އަންގާފައިވަނީ ރަށުގެ ގޭބިސީތަކަށް އެކި ޚިދުމަތްތައް ދިނުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނާތީއެވެ.
މިކަމާ ގުޅިގެން މާރަންދޫ ކައުންސިލުން ބުނީ، އެ ރަށުގެ ބައެއް ގޭގޭގައި ގޭގެ ނަން އެނގޭނެހެން ބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ރަށުގެ އެކި މުއައްސަސާތަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެކިއެކި ބޭނުންތަކަށް ގެތައް ދެނެގަތުމަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، މިހާތަނަށް އައިއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނުވާ ގޭގޭގައި ލަސްނުކޮށް ނަންބޯޑު ހަރުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ހަމައެއާއެކު، ގޭގޭގައި ހަރުކޮށްފައިވާ ނަންބޯޑުތަކުގެ ތެރެއިން ހަލާކުވެ ނަން ސާފުކޮށް ފެންނަން ނެތް ގޭގޭގައި ވެސް، ރަނގަޅަށް ސާފުކޮށް ފެންނާނެހެން ނަންބޯޑު ހަރުކޮށްދިނުމަށް މާރަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!