މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން، ހދ. ހަނިމާދޫގައި އާ އޭޓީއެމެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.

އެމްއައީބީގެ ހަނިމާދޫ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒާމިރާއި، އެރަށު ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ.

އެ ބޭންކުން މިއަދު ބުނީ، މިއީ ހަފުތާއަކު ހަތް ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެ ގޮތަށް ގާއިމުކުރި އޭޓީއެމެއް ކަމަށެވެ.

ހަނިމާދޫގައި އަލަށް ބެހެއްޓި އޭޓީއެމްގެ ސަބަބުން އެ ރަށުގެ މުޖުތަމަޢަށް ދުވަހުން ދުވަހަށް ބޭނުންވާ ބޭންކިންގ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްއައިބީން ބުނެއެވެ. މި އޭޓީއެމް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބެމުންދާނެއެވެ.

އެމްއައިބީގެ ހަނިމާދޫ އޭޓީއެމްގެ ޅިދުމަތް ޒާމިރާއި ޢަލީ ފައްޓަވައިދެއްވަނީއެމްއައިބީގެ ހަނިމާދޫ އޭޓީއެމްގެ ޅިދުމަތް ޒާމިރާއި ޢަލީ ފައްޓަވައިދެއްވަނީ (އެމްއައިބީ)

ރާއްޖޭގައި މުޅިން ޝަރީޢާގެ ހަމަތަކަށް ފެތޭ ގޮތަށް ހިންގާ ފުރަތަމަ އަދި ހަމައެކަނި ބޭންކު ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކަކީ 2011 ވަނަ އަހަރުގެ މާރިޗު މަހު އުފެއްދި ބޭންކެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ މި ބޭންކެކެވެ.

އެމްއައިބީން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން މާލޭގެ މައި ބްރާންޗާއި ރީޓެއިލް ބްރާންޗުގެ އިތުރުން ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ބ. އޭދަފުށީގައި އެ ބޭންކުގެ ބްރާންޗުތައް ހިންގައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޭލްސް ސެންޓަރުތަކާއި 24 ގަޑިއިރު އަމިއްލައަށް ޚިދުމަތް ހޯދޭ އޭޓީއެމް އަދި ޑިޕޮސިޓް ކިއޮސްކުތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

އެ ބޭންކުން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓް އެކައުންޓާއި، އާންމު ސޭވިންގްސް އެކައުންޓާއި، ކުޑަކުދިންގެ "ބިނގާ" އެކައުންޓާއި، ޙައްޖު އަދި ޢުމްރާ ސޭވިންގްސް އެކައުންޓްގެ އިތުރުން މުޟާރަބާގެ އުސޫލުން ހިންގާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްތައް ހިމެނެއެވެ. އަދި ފައިނޭންސިންގ ދާއިރާއަށް ބަލާއިރު ކޮންސިއުމަރ މުދަލާއި ދިރިއުޅުމުގެ ޚަރަދުތަކަށް ޚާއްޞަ "އުޖާލާ ފައިނޭންސިންގ" އާއި، ގެދޮރާއި ޕްރޮޕަޓީ ފައިނޭންސިންގ އާއި، ތަޢުލީމީ ފައިނޭންސިންގގެ އިތުރުން އިސްލާމީ އުސޫލުތައް ކަމަށްވާ މުރާބަޙާ، ޑިމިނިޝިންގ މުޝާރަކާ އަދި އިސްތިޞްނާގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ ފެސިލިޓީތައް ވެސް ފޯރުކޮށްދެއެވެ.

މީގެއިތުރުން، އެމްއައިބީގެ ކާޑުތަކާއި ޑިޖިޓަލް ބޭންކިންގގެ ޚިދުމަތްތަކުގެ ތެރޭގައި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޚިދުމަތާއި، "ފައިސާނެޓް" އިންޓަނެޓް ބޭންކިންގ އަދި އެމްއައިބީ މޮބައިލް އެޕް ހިމެނެއެވެ. އަދި އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވައިދޭ "އެޕްލައިނައު" ގެ ޚިދުމަތާއި، ބޭންކުތަކުގެ މެދުގައި ވަގުތުން ފައިސާ ފޮނުވޭ "ފަވަރަ" އިންޓަރބޭންކް ޓްރާންސްފަރގެ ޚިދުމަތް ވެސް އެ ބޭންކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ގެންދެއެވެ.

ހަނިމާދޫގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ފެށިއިރު، އެރަށުގައި މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިނީ ބްރާންޗަކާއެކު 24 ގަޑިއިރު ރުފިޔާ އާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ލިބެން ހުރެއެވެ.