ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ބޮޑެތި ކެކުޅުންތަކާއި ވޭނަށް ނިމުމެއް ގެނައުމަށްޓަކައި އަނިޔާވެރިކަން ހުއްޓުވުމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ސުލްހައާއި މިނިވަންކަމާއި ކަރާމާތް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު އެ ރައްޔިތުންނާ އެކު ދެމިއޮންނާނެ ކަމަށެވެ.

ރައީސްގެ މެސެޖުގައި، ފަލަސްތީނުގެ ރައްޔިތުންނާއެކު އޮތް އެއްބައިވަންތަކަމަކީ ހަމައެކަނި ބަސްތަކަކުން ފާޅުކުރުމަށްވުރެ ފުޅާވާންޖެހޭ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަކީ ރައްކާތެރިކަމާއި އިންސާފާއި، އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބެންޖެހޭ ބައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (ޔޫއެން) އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ އަދުލުގެ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލުވުމާއި، އދ. ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އެޖެންސީ (އުންރުވާ) އަށް ރާއްޖެއިން ތާއީދުކޮށް އެހީތެރިކަން ދިނުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ހަމަޖައްސައި، އެ ޖަމްއިއްޔާގެ ހުރިހާ ގުނަންތަކެއްގައި ފުރިހަމައަށް ބައިވެރިވުމާއި ހަމަހަމަ ހައްގުތައް އެ ޤައުމަށް ލިބެންޖެހޭނެ ކަމަށް ރާއްޖެއިން ސާބިތުކަމާއެކު ދެކޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ މިނިވަން އަދި އިސްތިޤުލާލީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.

ފަލަސްޠީނުގެ އެއްބައިވަންތަކަމުގެ ދުވަސް

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. މި ދުވަސް ޚާއްޞަކޮށްފައިވަނީ 1947 ވަނަ އަހަރު އދ. ގެ ޢާންމު މަޖިލީހުން ފަލަސްޠީނުގެ ބިން ބަހާލުމާ ގުޅޭގޮތުން ފާސްކުރި ޤަރާރު 181 އާ ގުޅުވައިގެންނެވެ.

2026 ވަނަ އަހަރުގެ މުހިންމު ކަންކަން

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖު: ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަލަސްޠީނު ރައްޔިތުންގެ ކަރާމާތާއި، އިންސާފާއި، އަދި އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަޙައްދީ ހަމަޖެހުމަށްޓަކައި އދ. ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެ ދައުލަތުގެ ޙައްލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ބައްދަލުވުންތައް: ފަލަސްޠީނުގެ ޙައްޤުތަކާ ބެހޭ އދ. ގެ ކޮމިޓީން ނިއުޔޯކުގައި ޚާއްޞަ ޖަލްސާއެއް ބޭއްވިއިރު، ޕެރިހުގެ ޔުނެސްކޯ އަދި މޮސްކޯގައި ވެސް ހަނދާނީ އަދި ޑިޕްލޮމެޓިކް ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ޖެނީވާގެ ޕަލޭ ޑެ ނޭޝަންސްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އިންސާނީ އެހީއާއި ޤާނޫނީ ކަންކަން: ޣައްޒާއަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ޢާންމުންނާއި މާތްވެގެންވާ ބިންތައް ޙިމާޔަތްކުރުމަށް އދ. އާއި ޢަރަބި ލީގު އަދި މަދަނީ ޖަމްޢިއްޔާތަކުން ވަނީ ބާރުއަޅާފައެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީ އާބާދީތައް ފުޅާކުރުމާއި، ވަޒަންވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޖަވާބުދާރީ ކުރުވުމުގެ މުހިންމުކަން ވަނީ ހާމަކޮށްފައެވެ.