ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގެސްޓްހައުސް އަދި ސަފާރީ ނުވަތަ ލިވްއެބޯޑް ފައިނޭންސިން ފެސިލިޓީތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބޭންކުން މިއަދު ބުނީ މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ވިޔަފާރިތަކަށް މާލީ ގޮތުން ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލުތަކެއް ކަމަށެވެ.

ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މަޝްރޫއުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލައަށް ހަރަދުކުރަން ޖެހޭ ފައިސާ ނުވަތަ އިކުއިޓީ ވަނީ 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށްފައެވެ. އަދި ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްދީފައިވާއިރު، ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެއެވެ. މީގެއިތުރުން ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު 7 ޕަސެންޓުގެ ރޭޓެއް ހަމަޖައްސާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ 9 ޕަސެންޓެވެ.

ސަފާރީ ނުވަތަ ލިވްއެބޯޑް ފައިނޭންސިންއަށް ގެނައި ބަދަލުތަކަށް ބަލާއިރު، އިކުއިޓީ ވަނީ 30 ޕަސެންޓުން 25 ޕަސެންޓަށް ދަށްކޮށްދީފައެވެ. އަދި ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް ވަނީ އެއް އަހަރުން ދެ އަހަރަށް އިތުރުކޮށްދީފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ 8 ޕަސެންޓުގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ ކަނޑައަޅާފައިވަނީ 10 ޕަސެންޓުގެ ރޭޓެކެވެ.

ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، ބޭންކުން ވަނީ އިކުއިޓީ ބަލާ މިންގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މަޝްރޫއަށް މިހާރު ވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނޭނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓްތަކެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، "އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އަދި ކަސްޓަމަރުން މިހާރުވެސް ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމުން، މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ،" ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި ހިނގާ އަހަރުގެ ތެރޭގައި ފަތުރުވެރިކަން ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ބޭންކުން ވަނީ ދޫކޮށްފައެވެ.