14 އަހަރުގެ މެދުކެނޑުމަކަށްފަހު، ވައިކަރަދޫގައި އަލުން ބާއްވާ "ޖާޑިކަޕް" ފުޓްބޯޅަ މުބާރާތުގެ ތައްޔާރީތައް ވައިކަރަދޫ ޔޫތު ކްލަބް (ވީވައިސީ) އިން ފަށައިފިއެވެ.
މި މުބާރާތުގައި ޖުމްލަ 5 ޓީމު ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި، ރިލަސް ކިޑްސް، ޖޮއިންޓާސް ސްޕޯޓްސް، އަދި ސެން ސީރޯ އެސްސީގެ އިތުރުން ވީކޭ ސްޓާސް ހިމެނެއެވެ.
ވީވައިސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މުބާރާތުގައި ވާދަ ކުރާ ޓީމުތައް ކަނޑައެޅި، ނިމިފައިވާއިރު ކުރިޔަށް ދެން އޮތީ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ މަރުޙަލާއެވެ.
16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ބާއްވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުޞޫލުންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް ދިނުމަށް ވީވައިސީން ވަނީ ނިންމާފައެވެ.
ވީއައިސީގެ ޗެއަރމަން އަޙްމަދު ވަޙީދު "ތިލަދުން"އަށް ވިދާޅުވީ، ފުޓްސަލް މުބާރާތެއްގެ ގޮތުގައި، 16 އަހަރުން ދަށުގެ ކުދިންނަށް މި މުބާރާތް ޢަމާޒު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އެ ކުދިންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ވައިކަރަދޫގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުންކަމަށެވެ. އަދި ވީހާ ވެސް ގިނަ ކުދިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލްގެ ބޮޑުޗުއްޓީއާ ދިމާކޮށް ކަމަށް ވެސް ވަޙީދު މައުލޫމާތު ދެއްވިއެވެ.
2026 ޑިސެމްބަރ 25ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން"އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!