ހއ. މުރައިދޫ ނެރުމައްޗަށް ހއ.ގައި އޮންނަ ދަނޑުވެރިކަމުގެ ރަށް މާފަހީގައި ދުއްވާ ސަޕްލައި ދޯނި އުރި، ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ދޯނި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް ނެގި ބޮޑު ރާޅަކާއެކު ދޯނި ކޮންޓްރޯލުން ނެއްޓިގެންނެވެ.

މުރައިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ހާދިސާ ހިނގުމާއެކު މުރައިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ސަރަހައްދަށް ނިކުމެ، ދޯންޏާއި އޭގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ. ރަށު ރައްޔިތުން ކުރި މަސައްކަތުން ދޯނީ އެއްގަމަށް އެހެލާފައިވީ ނަމަވެސް ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވެސް ކައުންސިލުން ފާހަގަކުރެއެވެ.

މި މޫސުމުގައި މުރައިދޫ ބަނދަރަކީ ލަފާފުރުމަށް އިންތިހާއަށް ދަތި އަދި ނުރައްކާތެރި ބަނދަރެކެވެ. މުރައިދޫ ނެރުމައްޗަކީ މީގެ ކުރިންވެސް އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގައި، މީހުންގެ ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ނުރައްކާތެރި ސަރަހައްދެކެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނުނިމި، ހިލަ ނުލިބިގެން މަސައްކަތް މެދުކެނޑިފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާކަމަށެވެ. ބަނދަރުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ރަށަށް ލަފާފުރާ އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މުރައިދޫ ބަނދަރަކީ ލަފާފުރުމަށް އިންތިހާއަށް ދަތި އަދި ނުރައްކާތެރި ބަނދަރެއްކަމަށް ފާހަގަަކުރައްވަމުން ރައީސް ވިދާޅުވީ މުރައިދޫ ނެރުމައްޗަކީ މީގެ ކުރިންވެސް އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގައި، މީހުންގެ ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ނުރައްކާތެރި ސަރަހައްދެއްކަމަށެވެ.