ރާއްޖޭ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މުސާރައާއެކު އަހަރީ ބޯނަސް ޖަމާކޮށްދޭން ފަށައިފިއެވެ.
މި ފައިސާ މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކުރަން ފަށާފައި މިވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން އެކަން ފާސްކުރުމާ ގުޅިގެންނެވެ.
އެމްއޭސީއެލުން ބުރާސްފަތި ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ފާސްކޮށްފައެވެ. މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން ނިންމާފައި އޮތް ނަމަވެސް، ކުންފުނީގެ ގަވާއިދު އޮންނަ ގޮތުން އެ ނިންމުން ރަސްމީވަނީ އަހަރީ އާންމު ޖަލްސާއިން ފާސްކުރުމުންނެވެ.
އަހަރީ ބޯނަސް ދިނުމަށް އާންމު ޖަލްސާގައި ނިންމި ނަމަވެސް، މުވައްޒަފުންނަށް ބޯނަސް ޖަމާކޮށްދޭން ފެށި ނަމަވެސް، ބޯނަހުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ރަސްމީ އަދަދެއް ކުންފުނިން ހާމައެއް ނުކުރެއެވެ.
ބޯނަސް ދިނުމުގައި ބަލަނީ މަސައްކަތުގެ ފެންވަރާއި ޚިދުމަތުގެ މުއްދަތަށް ކަމަށްވާތީ، އެކި މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ޖަމާވެފައިވަނީ ތަފާތު އަދަދުތަކެކެވެ.
އެނގިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ލިބިފައިވާއިރު، އަނެއް ބައި މުވައްޒަފުންނަށް ލިބިފައިވަނީ 15،000 ރުފިޔާއެވެ.
އެއާޕޯޓު ހިންގާ ކުންފުނީގައި ގާތްގަނޑަކަށް 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، ފާއިތުވި ދެ ތިން އަހަރުވެސް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދީފައިވެއެވެ. އަދި މިދިޔަ އަހަރު ވެސް އެ ކުންފުނިން ވަނީ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!