ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް އަލުން ފަށައިފިއެވެ.

ސޮލެންޒަރާ ހޯލްޑިންސް ޕައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ހުޅުމާލޭގެ މޫނުމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫއު ސޮލެންޒަރާ ހޯލްޑިންސްއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ މަސައްކަތް ނުވަ އަހަރު ފަހުން އަލުން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. މި މަޝްރޫއު ކުރިއަށްދަނީ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ "ވޮކޯ ރިސޯޓް ހޮޓެލް" ގެ ނަމުގައި ހިންގާ ބޮޑު ހޮޓަލަކާ އެކުގައެވެ.

ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި މަޝްރޫއުގެ ދަށުން، 17,800 އަކަމީޓަރުގެ ސަރަހައްދެއްގައި ވޯޓާ ތީމް ޕާކު ތަރައްގީކުރާނެއެވެ. އެޗްޑީސީން ބުނީ މި ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކޝަނާއި ޚިދުމަތްދޭ 30 ވަސީލަތް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސެއް، 'ޓޯނޭޑޯ ސްލައިޑް'، 290 މީޓަރުގެ ދިގު 'ލޭޒީ ރިވާ'، 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް'، 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓާ ހައުސް' ހިމެނެއެވެ.

މީގެ އިތުރުން އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން 'ކިޑްސް ބޫމަރޭން ސްލައިޑް'، 'ޓޮޑްލާ ޕޫލް'، 'ކިޑްސް ސްލައިޑްސް' އަދި 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އަކާއި، މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް' އަދި މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް' ފަދަ ތަފާތު ވަސީލަތްތައް ހިމެނެއެވެ. އަދި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތަކާއި، ފަސް ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި، ރެސްޓޯރެންޓާއި، މަލްޓިމީޑިއާ ޒޯންގެ އިތުރުން ޕާކިން ޖާގަތައް ވެސް މާސްޓާ ޕްލޭންގައި ހިމަނާފައިވެއެވެ.

ވޯޓާ ތީމް ޕާކާ ގުޅިގެން ތަރައްގީކުރާ ވޮކޯ ރިސޯޓް ހޮޓެލްގައި 250 ކޮޓަރި އާއި ސުއޓްގެ އިތުރުން، 95 ސާވިސްޑް އެޕާޓްމަންޓާއި، ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓާއި، ބީޗްފްރަންޓް ތިން ހޮޓެލް ވިލާ ހިމެނެއެވެ. މިއީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

މި މަޝްރޫޢު ހިންގާ ސޮލެންޒާރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަކީ، އައި.އެޗް.ޖީ ހޮޓެލްސް އެންޑް ރިޒޯޓްސް (އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް)ގެ ދަށުން ހިންގާ، ހުޅުމާލެ ވޯޓާ ތީމް ޕާކާއި، އައި.އެޗް.ޖީ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ދަށުން ހިންގާ އިންޓަގްރޭޓެޑް ވޮކޯ ރިޒޯޓް ހޮޓަލެއް ތަރައްޤީކުރަމުން އަންނަ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.

އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 21 ބްރޭންޑެއްގެ ދަށުން 7،100 އަށް ވުރެ ގިނަ ހޮޓާ ހިންގަމުން އަންނަ ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީގެ ކުންފުންޏެކެވެ. މީގެ ތެރޭގައި ލަގްޒަރީ ރިޒޯޓްތަކާއި، ބުޓީކް ލައިފްސްޓައިލް ހޮޓާތަކާއި، ދިގު މުއްދަތަށް މަޑުކުރެވޭ ސުއިޓްތަކުގެ އިތުރުން އާންމު ވިޔަފާރި އަދި އާއިލީ ހޮޓާތައް ހިމެނޭއިރު، މި ހުރިހާ ޚިދުމަތެއް ވެސް ގުޅިފައިވަނީ "އައި.އެޗް.ޖީ ވަން ރިވޯޑްސް" ލޯޔަލްޓީ ޕްރޮގްރާމާއެވެ.