ހއ. މުރައިދޫ އަންހެން ވޮލީޓީމުގެ ފަރާތުން، އެ ރަށު ބޮނބިފަންނު ބީޗުގައި އާންމުން ބޭނުންކުރުމަށްޓަކައި ޖޯލިފަތި ހަދިޔާކޮށްފިއެވެ.

މި އެހީތެރިކަން ދީފައިވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން އިށީނދެލައިގެން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ.

މުރައިދޫ ބަނދަރުމަތީގައި އޮންނަ ބޮނބިފަންނު ބީޗަކީ އެ ރަށުގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އެންމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ހިތްގައިމު މަންޒިލެކެވެ.

މި އަހަރުގެ ތެރޭގައި ވަނީ މި ބީޗު މަރާމާތުކޮށް، ކުރިއަށްވުރެ ބޮޑަށް ހިތްފަސޭހަ ތަނަކަށް ބަދަލުކޮށްފައެވެ. އެގޮތުން މަރާމާތަށްފަހު، އެ ތަން މިހާރު ވެފައިވަނީ އާއިލީ ހަވީރުތަކާއި، ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ރަށުގެ ގިނަ ބަޔަކު އެއްވާ މައި މަރުކަޒަކަށެވެ.

މީގެއިތުރުން، އެ ބީޗަކީ ހަވީރުގެ ވަގުތުތަކުގައި މީހުން އިށީނދެ ތިބެލުމަށާއި އަރާމުކޮށްލުމަށްޓަކައި މުރައިދޫގައި މިހާރު ހުރި އެންމެ ފުރިހަމަ އެއް މައިޒާނެވެ.

ބޮނބިފަންނު ބީޗުގައި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި މީގެކުރިން ވެސް ރަށުގެ އެކި ފަރާތްތަކުން ވަނީ އިސްނަގައިގެން މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ގެ ފަރާތުން ވެސް ވަނީ އެ ބީޗުގައި އާންމުން ބޭނުންކުރުމަށްޓަކައި ޖޯލިފައްޗާއި، މޭޒު އަދި ގޮނޑި ބަހައްޓައިދީފައެވެ.