ކައިވެނީގެ ބޭރުން އަންހެނަކު އެއްމާބަނޑު ދެ ކުދިން ވިހެއި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ ކަމުގެ މި މައްސަލަ، 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރު ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެ އަންހެންމީހާ ވަނީ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ވަގުތުން އެ ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ވިހެއި މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހޮސްޕިޓަލަށް ގެންގޮސް އެ އަންހެންމީހާ ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައެވެ. އަދި އެއަށްފަހު ހޮސްޕިޓަލުގައި އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެ އަންހެންމީހާ ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިންނެވެ. މީގެ ތެރެއިން ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!