އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް މި ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ، 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެހާ އަސާސްތައް ބައްޓަންކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވުރު ހާސިލުކުރެވޭނެފަދަ ގޮތަކަށް ކަމަށެވެ. މިއަހަރަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ފޮނުވިއެވެ. އެ ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ ތެރޭގައި އެކި މުއައްސަސާތަކާ މަޝްވަރާކުރެއްވި އިރު، ހުރިހާ މިނިވަން މުއައްސަސާތަކަކުން ވެސް ވަނީ އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރެވޭވަރަށްވުރެ ބަޖެޓު ކުޑަ ކަމަށާއި، ފޮނުވި މިންވަރަށްވުރެވެސް ބަޖެޓު ކުޑަވެފައިވާ ކަމުގެ ޝަކުވާކޮށްފައެވެ. ނަމަވެސް، މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުން ނިންމީ ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.
ކޮމިޓީން ނިންމިގޮތާ ގުޅިގެން މެންބަރުން ވަނީ ބަޖެޓަށް 23 އިސްލާހެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީ، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުށަހެޅުނު އިސްލާހުތަކުގެ ތެރެއިން މަޖިލިސް ގަވާއިދުގެ ޝަރުތުތައް ފުރިހަމަވަނީ 7 އިސްލާހެއްގެ ކަމަށާއި، އޭގެ ތެރެއިން 1 އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ގަވާއިދަށް ފެތޭ އިސްލާހުތަކަށް ވޯޓަށް އެއްސެވި ނަމަވެސް، އިދކޮޅު އެމްޑީޕީ މެންބަރުން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ.
އެއަށްފަހު، ބަޖެޓު ކޮމިޓީން ހުށަހެޅިގޮތަށް ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު ބަޖެޓު ވަނީ ފާސްވެފައެވެ. މި ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.
މިއަދު ފާސްކުރި ބަޖެޓުގައިވާ ގޮތުން ދައުލަތުގެ ޖުމްލަ ހަރަދުގެ ގތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ޕީއެސްއައިޕީއަށް ހަމަޖައްސާފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!