ޔޫކޭގެ ޔުނިވަރސިޓީތަކަށް ކިޔަވަން ދިއުމަށް ތައްޔާރުވަމުން ދިޔަ އަފްޣާނިސްތާނުގެ އަންހެނުންނަށް އެ ޤައުމުން ވިސާ ދިނުން މެދުކަނޑާލުމާ ގުޅިގެން، އެމީހުންގެ މަތީ ތަޢުލީމުގެ ހުވަފެންތައް ފުނޑުފުނޑުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އަފްޣާންގައި އޮންނަ ތާލިބާނުންގެ ސަރުކާރުގެ ހުރަސްތައް ގިރާކޮށް، އިނިގިރޭސިވިލާތަށް މަތީ ތަޢުލީމަށް ދިޔުމަށް ޔުނިވަރސިޓީތަކުން ޖާގަ ހޯދި އަންހެނުންނަށް މި ނިންމުމާއެކު ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާންޖެހިފައެވެ.
ކާބުލް އަށް އުފަން ސޮފްޓްވެއާ އިންޖިނޭރެއް ކަމަށްވާ ޝަހީރާ ސާދާތަށް ޗެނިންގް ސްކޮލަރޝިޕް އިންޓަވިއުއަކަށް ދަޢުވަތު ލިބުމުން އޭނާއަށް ވަނީ ނުހަނު ބޮޑު އުއްމީދެއް ލިބިގެން ގޮސްފައެވެ. ތާލިބާނުންގެ ހުރަސްތަކާ އެކު ވެސް ކަރޑާއި އިންޓަނެޓުގެ ޚިދުމަތް ކެނޑުމުގެ ދަތިތަކާއެކު އޭނާ ދިޔައީ ޔޫކޭގެ ޔުނިވަރސިޓީތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"އަހަރެން ހުރީ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ޔޫކޭގައި ކިޔަވަން އުއްމީދު ކުރުމުގެ ފުރުޞަތު އަހަރެން އަމިއްލަ ނަފުސަށް ދިނީމު،" ސާދާތު ބުންޏެވެ.
އޭނާއަށް ވަނީ ސަސެކްސް، ބްރެޑްފޯޑް އަދި ނޯތު އީސްޓަން ޔުނިވަރސިޓީ ލަންޑަނުން އޭއައި އަދި މެޝިން ލާނިންގް އިން މާސްޓަރސް ހެދުމަށް ގަބޫލުކުރިކަމުގެ ލިޔުން ވެސް ލިބިފައެވެ.
ނަމަވެސް، މިއަހަރުގެ މާރިޗު މަހު ޔޫކޭގެ ހޯމް އޮފީހުން ވަނީ ކެމަރޫން، މިޔަންމާ، ސޫދާން އަދި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކިޔެވުމުގެ ވިސާ ދިނުން "އެމްޖެންސީ ވިސާ ބްރޭކެއް" މެދުވެރިކޮށް ހުއްޓާލާފައެވެ. އެ ޤައުމުން ބުނީ މި ފިޔަވަޅަކީ ވިސާގެ ނަހަމަ ގޮތުގައި ބޭނުންކުރުން އިތުރުވުމާއި، ހިމާޔަތަށް އެދޭ މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ.
މިކަމާ ގުޅިގެން އިނގިރޭސި ހޯމް ސެކްރެޓަރީ ޝަބާނާ މަޙްމޫދު ވިދާޅުވީ، އެ ޤައުމުގެ ދީލަތިކަމުގެ ނަހަމަ ބޭނުން ހިފަން އުޅޭ ޤައުމުތަކުގެ މީހުންނަށް ވިސާ ދުން ހުއްޓާލުމަށް ބަދަލުނުކުރެވޭ ފަދަ ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ކުރީކޮޅު އެމެރިކާއިން ވެސް ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ދޭ ހުރިހާ ވިސާއެއް މަނާކޮށްފައެވެ.
މި ނިންމުމާ ގުޅިގެން ސާދާތަށް ލިބުނީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ.
"އެއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އަހަރެންގެ ހުރި ހިތްވަރު އެއްކޮށް އެ ތަޅައިގެންދިޔައީ،" ލޮލުން ކަރުނަ އޮހޮރެމުން އޭނާ ބުންޏެވެ.
ތާލިބާނުންގެ ސަބަބުން އަފްޣާނިސްތާނުގައި އަންހެނުންނަށް މަތީ ތައުލީމު ހާސިލުކުރުމާއި، ގިނަ މަސައްކަތްތަކުގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ.
ހެރާތުގެ ޑިޖިޓަލް މީޑީއާ މާސްޓަރސް ހެދުމަށް ޔޫކޭއިން ފުރުޞަތު ލިބުނު އަލިއާ (އަސްލު ނަމެއް ނޫން) ބުނީ، އޭނާއަށް ވެސް ލިބުނީ ހަމަ މިފަދަ ނިމުމެއް ކަމަށެވެ.
"އަފްޣާން އަންހެނަކަށް ވީތީ ހުރިހާ ކަމެއް ވަނީ މަނާކޮށްފައި،" އަލިއާ ބުންޏެވެ.
ޔޫކޭއިން ވިސާ ދިނުން ހުއްޓާލާފައިވާއިރު، މި ކަމުގައި އިތުރު ލުއިތަކެއް ލިބޭނެ ކަމާމެދު އަފްޣާން އަންހެނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!