ހއ. ފިއްލަދޫގައި ޤަވާއިދާ ޚިލާފަށް ކުނި އުކާ މައްސަލަ ބޮޑުވެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ފިއްލަދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މިގޮތަށް ނިންމީ ރަށުގެ އެކި ސަރަޙައްދުތަކަށާއި ވަލުތެރެއަށް ކުނި އެޅުން އިތުރުވަމުންދާކަން ފާހަގަކުރެވިގެންނެވެ.

މީގެއިތުރުން، ބޮޑު ވަލެއް އޮންނަ ފިއްލަދޫގެ ވަލުތެރެއަށް ގިނަ އަދަދަކަށް ކުނި އުކަމުންދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރަށުގެ ކުނިކޮށި ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުނި ނޭޅުމަށާއި، ވަލުތެރެއަށް ކުނިއެޅުން ވަގުތުން ހުއްޓާލުމަށް ކައުންސިލުން ،ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ފިއްލަދޫގައި ކުނި އުކުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ރައްޔިތުން އަމިއްލައަށް ކުނިކޮށްޓަށް ގެންދާ ގޮތަށެވެ. އެގޮތުން، ހުކުރު، ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 6:00 ން 8:45އަށް އަދި ހަވީރު 4:00 ން 6:00 އަށް ކުނި އުކުމަށް ކައުންސިލުން ކަނޑައަޅާފައިވެއެވެ.

ކަނޑައެޅިފައިވާ ގަޑިތަކާއި އުސޫލުތަކާ ޚިލާފަށް، ކުނިކޮށި ނޫން އެހެން ތަންތަނަށް ކުނި އުކާ ފަރާތްތަކާމެދު ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.