ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން ރަށެއްގައި ބޭއްވޭ އެންމެ އަގުބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ "ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026"، ށ. ފީވަކުގައި އަންނަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ފެށުމަށް ފުރިހަމައަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ރޮލިގަންސް ޖަމުޢިއްޔާއިން ބުނެފިއެވެ.

މިއީ ފީވަކުގެ މަދަނީ ޖަމުޢިއްޔާއެއް ކަމަށްވާ "ރޮލިގަންސް" ޖަމުޢިއްޔާއިން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބައިވެރި ވެވިދާނެފަދަ ގޮތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. އަދި މިއީ ޖަމުޢިއްޔާއަކުން އިސްނަގައިގެން ބޮޑުތިލަދުންމަތީ ސަރަޙައްދުގައި ބާއްވާ މިފަދަ އެންމެ އަގުބޮޑު މުބާރާތް ވެސް މެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ބަންދުވެފައިވާއިރު، މުބާރާތުގައި ރަޖިސްޓްރީވެފައިވަނީ ޖުމްލަ 6 ޓީމެކެވެ. އޭގެ ތެރޭގައި ހިމެނެނީ މުބާރާތް ބާއްވާ ފީވަކުގެ 3 ޓީމަކާއި ރަށުން ބޭރުގެ 3 ޓީމެކެވެ. ފީވަކުން ވާދަކުރާ ޓީމުތަކަކީ ހޫލިގަން އެސް.ސީ، ހޮޓްޝޮޓް އަދި ލެގެސީ އެފްސީއެވެ. ރަށުން ބޭރުން ވާދަކުރާ ޓީމުތަކަކީ ކުޅުދުއްފުށި ސިޓީގެ މަގުލަސް ކްލަބާއި، މިލަންދޫ އެސް.ސީ ގެ އިތުރުން ށ. ފޯކައިދޫގެ ބްލަޑް ބްރަދާރސް އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހޅާފައިވާއިރު، މުބާރާތުގައި ވާދަކުރާ ޓީމުތަކުން އަންނަނީ ވަރަށް ފޯރިއާއެކު މުބާރާތަށް ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ފުޓްސަލް ދަނޑުތަކުގައި ވިދަމުން އަންނަ ހުނަރުވެ ތަރިންނާއި، ޤައުމީ ފުޓްސަލް ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި އެކި ޓީމުތަކުން ފެނިގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މީގެތެރޭގައި ޢަބްދުﷲ ޝައްފާން (ޝާކާ)، ނަދަމާ، އިސްމާޢީލް ވަޖީހު (ވައްޖެ)، ޢަލީ ޝިޔާހް (ޝިޔަޅޭ)، މުޙައްމަދު އިސާމް (ޝަންޓޭ)، ސާމިން މުޙައްމަދު ނަޞީރު (ސަންކޮ)، އިސްމާޢީލް ފާތިޙް (ތާޑޭ)، ޝަނާން ރަޝާދު، ޢަލީ ހައިޝަމް (ޗުމްޕު)، ނާއިހް މުފީފު (ނާހު)، މުޙައްމަދު މަޒީން (ޗޮޕޭ)، މުޙައްމަދު ޝާން (ޝާންކް)، ރައުލް ނިޔާޒް އަދި ފައްޔާޒް ފަޔާޒް (ފައިއްޓެ) ފަދަ ކުޅުންތެރިން ހިމެނެއެވެ.

މުބާރާތް އިންތިޒާމުކުރާ ރޮލިގަންސް ޖަމުޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ޓީމުތައް ބައިވެރިވުމުގެ މުއްދަތު ހަމވެފައިވީ ނަމަވެސް، މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލވިފައެވެ. ސްޕޮންސަރަކަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ލިންކެއް މެދުވެރިކޮށް ޕްރޮޕޯސަލް ބަލައިލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9151884، 9622791 ނުވަތަ 9196227 ނަންބަރާ ގުޅުމަށް އެ ޖަމުޢިއްޔާއިން އެދެއެވެ.

މުބާރާތުގެ ޕްރޮޕޯސަލް ލިންކް: https://drive.google.com/file/d/1IZb5gblaEV9vHah7mc7KTYsVisdCBw9K/view?usp=drivesdk

ކުޅިވަރުގެ މި ބޮޑު ޢީދަށް ފީވަކުން ތައްޔާރުވުމުގެ ގޮން، ރޮލިގަންސް ޖަމުޢިއްޔާއިން އިސްނަގައިގެން ރަށުގެ އެކިއެކި މުއައްސަސާތަކާއި ޢާންމު ރައްޔިތުންނާ ގުޅިގެން ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އަދި ރަށުން ބޭރުން އަންނަ ޓީމުތަކަށާއި ކުޅުންތެރިންނަށް ހޫނު މަރުޙަބާއެއް ކިޔުމަށް ފީވަކުގެ ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ރޮލިގަންސް ޖަމުޢިއްޔާގެ އަމާޒަކީ، އަލަށް މި ފަށާ މުބާރާތް، ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ވެސް ފުޅާކޮށް، ގިނަ ޓީމުތަކެއްގެ ބައިވެރިވުމާއެކު މުޅި ރާއްޖޭގައިވެސް ނަންވިދ، އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތތަކުގެ ތެރޭގައި ހިމަނައިގަތުން ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.