ގއ. ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށްގެން ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީ ފިރިހެނަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ހާރިސް މިއަރ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި އޮޕަރޭޝަނަކީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ މުހިންމު ބައިތަކެއް ގުޅިގެންނެވެ. އެގޮތުން މި ހަރަކާތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެން ވަނީ މަސައްކަތް ކޮށްފައެވެ.

އޭނާ ހައްޔަރުކުރުމަށްފަހު، ކޫއްޑޫގައި އޭނާ ދިރިއުޅެމުންދިޔަ ތަން ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 66 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.