މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2026 އަށްފަހު، މެޑްރިޑް ސްޕޯޓްސް އެކެޑަމީގެ ފަރާތުން ކައުންސިލާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކައި އެ އިދާރާ ބަދުނާމުކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ، ހދ. ނޮޅިވަރަމް ކައުންސިލުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނޮޅިވަރަމް ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލަ ފެންމަތިވީ އެ މުބާރާތުގައި ވާދަކުރި އެކެޑަމީގެ ތިން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގެ ބަނދަރުމަތީގައި ބޭއްވި މަރުހަބާ ކިޔުމުގެ ހަފްލާގައެވެ. އެ ހަފްލާގައި ވާހަކަދައްކަވަމުން އެކެޑަމީގެ ވެރިޔާ މުހައްމަދު ޒިޔާދު ވަނީ، މި މުބާރާތުގައި ބައިވެރިވުމަށް ކައުންސިލުން ލޯލާރިއެއްވެސް ހަރަދުކޮށްފައި ނުވާކަމަށް ބުނެފައިކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފަވެއެވެ. ނަމަވެސް އެއީ ކަން ހިނގައިދިޔަ އަސްލު އޮޅުވާލުމަށްފަހު ދައްކަވާފައިވާ ވާހަކައެއް ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، ކައުންސިލްގެ މާލިއްޔަތުން އެހީތެރިކަން ދިނުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އަދި އިދާރީ އުސޫލުތައް ހަމަޖެހިފައިވާ ގޮތާއި، މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2026 އަށް ކައުންސިލްގެ ބަޖެޓުންނާއި މާލިއްޔަތުން އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތް، މެޑްރިޑް ސްޕޯޓްސް އެކެޑަމީއަށް ކުރިންވާނީ ސާފުކޮށްދީފައެވެ.

ނަމަވެސް، އެ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ހޯދުމުގެ ބަދަލުގައި، ޒިންމާދާރު މަގާމެއްގައި ހުންނެވި ފަރާތަކުން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި، ކުޑަކުދިންނާއި އަދި ރަށުގެ އާންމު ރައްޔިތުން އެއްވެފައި ތިބި މާހައުލެއްގައި މިފަދަ ވާހަކަތަކެއް ދެއްކެވުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރަށުގެ އެންމެ މަތީ އިދާރީ މުއައްސަސާ ބަދުނާމުވާ ގޮތަށް އަދި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ނުތަނަވަސްކަން އުފެދޭގޮތަށް ވާހަކަ ދެއްކެވި ދެއްކެވުން ހިތާމައާއެކު ކުށްވެރިކުރާ ކަމަށް އެ ކައުންސިލުން ބުނެފަވެއެވެ.

މީގެ އިތުރުން، މާލީ އެހީ ދިނުމުގައި ގަވާއިދުތައް ހުރިގޮތުން ދިމާވި ހުރަސްތައް ފިޔަވައި، އެކެޑަމީއަށް ބޭނުންވާ އެހެނިހެން އެއްބާރުލުންތައް ފުރިހަމައަށް ފޯރުކޮށްދީފައިވާނެ ކަމަށްވެސް ކައުންސިލުން ހާމަކުރިއެވެ. އެގޮތުން ދަރިވަރުންގެ ފަރިތަކުރުންތަކަށް ރޭގަނޑު އަލިކޮށްގެން ދަނޑު ބޭނުންކުރުމުގެ ފުރުސަތާއި، ބައްދަލުވުންތައް ބޭއްވުމަށް ޒުވާނުންގެ މަރުކަޒުގެ ޖާގަ ހަމަޖައްސައިދިނުމުގެ އިތުރުން އިދާރީ އަދި ލޮޖިސްޓިކް އެހީތެރިކަން ދީފައިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކައުންސިލުން ދެމުންދިޔަ އެހީތެރިކަން ފޮރުވައި، ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފެތުރުމަކީ ކުޅިވަރުގެ ރޫހާ ހިލާފު ނާތަހުޒީބު އަމަލެއް ކަމަށް ސިފަކުރަމުން، ނޮޅިވަރަމް ކައުންސިލުން ވަނީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށްޓަކައި ގާނޫނާއި ގަވާއިދުގެ ތެރެއިން ދެވެން އޮތް އެންމެ މަތީ އެއްބާރުލުމެއް އަބަދުވެސް ދޭނެ ކަމަށް ބުނެފައެވެ.

އެނގިފައިވާގޮތުގައި ހދ. ހަނިމާދޫގައި ބޭއްވި ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި މުބާރާތުގައި މެޑްރިޑް ސްޕޯޓްސް އެކެޑަމީ ހަނިމާދޫގައި ހޭދަކުރި މުއްދަތުގައި އެކަޑަމީގެ ޓީމާއި އޮފިޝަލުންގެ ކެއުން ހަމަޖައްސައިދިނީ އަމިއްލަ ފަރާތަކުންނެވެ.