ށ. މާއުނގޫދޫގައި ކުނި މެނޭޖްކުރުމާއި ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކޭ.ވައި.އެން އާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 19 ނޮވެމްބަރު 2026 ގައެވެ.
މި އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ކުރުމަށް އެ ފަރާތާ ހަވާލުކޮށްފައިވަނީ މަހަކު 60،000 ރުފިޔާގެ މަގުންނެވެ. އެހެންކަމުން އެއް އަހަރު ދުވަހުގެ މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 720,000 ރުފިޔާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
އެއްބަސްވުމުގައިވާ ގޮތުން ރަށުގައި ކުނި މެނޭޖްކުރުމުގެ މައިގަނޑު މަސައްކަތުގެ އިތުރުން، ރަށުތެރޭގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ޚިދުމަތް ވެސް އެ ފަރާތުން ފޯރުކޮށްދޭންޖެހެއެވެ. އެގޮތުން ހަފްތާއަކު 3 ފަހަރު ޕެސްޓް ކޮންޓްރޯލް ކުރުމުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާއުނގޫދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މިއީ އެ ކައުންސިލުން މިފަދަ ޚިދުމަތެއް އައުޓްސޯސްކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. ކުނި މެނޭޖްކުރުމަކީ ކައުންސިލްގެ ޒިންމާއެއް ނަމަވެސް، މި ޚިދުމަތް އަމިއްލަ ފަރާތަކާ ހަވާލުކުރަން ޖެހުނީ ކައުންސިލްގައި އެ މަސައްކަތަށް ތިބި މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން، މި މަސައްކަތަށް އިތުރު މުވައްޒަފުން ނެގުމަށްޓަކައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދައަށް އެދުމުން އެ ހުއްދަ ލިބިފައި ނުވާ ކަމަށް ވެސް ކައުންސިލުން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރްފާމް "ތިލަދުން" އަށް ވިދާޅުވީ، މުވައްޒަފުން ނެގުމަށް ހުރަސްތަކެއް ހުރި ނަމަވެސް، ރަށުގެ ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި އެ ކައުންސިލުން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!