މާލެ ސަރަހައްދާއި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ އާންމު މިންގަނޑުތަކަށްވުރެ ނުރައްކާ މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރައިން ނެރުނު ސަމާލުގެ ނޯޓިސްގައި ބުނެފައިވާގޮތުގައި އާންމުކޮށް ވައިގެ އެންމެ ރަނގަޅު މިންވަރަކީ 50 އިން ދަށުގައި ހުރުން ކަމަށްވީ ނަމަވެސް، މިހާރު މި ސަރަހައްދުތަކުގެ ވައި ނުސާފުވެ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ވަނީ ތަގައްޔަރުވެފައެވެ.

Ad
rt

އެއާ ކޮލިޓީ އިންޑެކްސްގައި މާލޭގެ ވައިގެ ހާލަތު މިއަދު 158 ގައި ހުރި އިރު، މިއަދު ރާއްޖޭގައި ވައި އެންމެ ބޮޑަށް ތަގައްޔަރުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ކަމަށް ރެކޯޑުތަކުން ދައްކައެވެ. އެ ރަށުގެ ވައިގެ ކޮލިޓީ ސިސްޓަމުން ދައްގޮތުން ހުރީ 168 ގައެވެ. މީގެ އިތުރުން ށ. ފުނަދޫގައި ވައިގެ ކޮލިޓީ ހުރީ 157 ގައެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ "އައިކިއުއެއާ" އެޕުން ދައްކާ ގޮތުގައި މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 159ގައެވެ. އަދި ވިލިމާލޭގެ ވައިގެ ކޮލިޓީ 160 ގައި ހުރިއިރު، ކުޅުދުއްފުށީ ސިޓީގެ ވައިގެ ކޮލިޓީ ވަނީ 165 އަށް އަރާފައެވެ. މިއީ އާންމު ސިއްހަތަށް ނުރައްކާތެރި ނުވަތަ "އަންހެލްތީ" މިންވަރެކެވެ. މީގެއިތުރުން ހުޅުމާލެ އަދި އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ ހުރީ 70 އިން މަތީގައި ކަމަށްވާތީ، އެއީ މޮޑަރޭޓް ލެވެލްއެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮގައި، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެއެވެ. މިކަމާ ގުޅިގެން ކުޅިވަރާއި އެކިއެކި ބޭރުގެ ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް، އެކި ހާލަތްތަކުގައި އަމަލުކަންވ މުހިންމު އިރުޝާދުތަކެއް ހެލްތު ޕްރޮޓެކްޝ އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފައެވެ. ވައިގެ ނުސާފުމިން 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ދެވޭ "ރަތް ސަމާލު" ގެ ހާލަތުގައި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު ހުރިހާ އެންމެނަށްވެސް ބޮޑުވާނެއެވެ. ޚާއްސަކޮށް ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މި ނުރައްކާ އިތުރަށް ބޮޑުވެއެވެ.

މިފަދަ ހާލަތްތަކުގައި އެންމެން ވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެން95 ފަދަ މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. މީގެއިތުރުން ގޭގެ ދޮރުތ ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ. ވައިގެ ނުސާފުމިން 101 އާއި 150 އާ ދެމެދު ހުންނަ "އޮރެންޖް ސަމާލު" އަދި 51 އާއި 100 އާ ދެމެދު ހުންނަ "ރީދޫ ސަމާލު" ގެ ހާލަތްތަކުގައި ވެސް ނާޒުކު ފަރާތްތަކާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.