ރެފިއުޖީންނަށް މިޔަންމާއިން ނަސްލުނައްތާލާފައިވާ ކަމަށް އައި.ސީ.ޖޭ އިން ކަނޑައެޅި ޙުކުމަކީ ލިބުނު ބޮޑު އިންސާފެކެވެ. ނަމަވެސް ގިނަ ބަޔަކަށް މި ހިތްހަމަޖެހުމާއެކު އުފެދޭ ސުވާލަކީ، އެމީހުންނަށް އަނބުރާ ވަޒަނަށް ދެވިދާނެ ތޯއެވެ؟
ޑާކާ، ބަންގްލަދޭޝް: އުއްމެ ރުމާން އޭނާގެ ފޯނުން ޚަބަރު ބަލަމުން ދިޔައީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕް 1އީ ގައި އޭނާ ދިރިއުޅޭ ކޮށީގައެވެ. އޭނާ މެންދުރުފަހުން ފެށިގެން އިންތިޒާރު ކުރަމުން ދިޔައީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ ޙުކުމަށެވެ. ނަމަވެސް އިންޓަނެޓްގެ ސްޕީޑް ދަށްވުމުގެ ސަބަބުން ލައިވް ބްރޯޑްކާސްޓް ދިޔައީ މެދުކެނޑެމުންނެވެ.
ދެން އޭނާ ފޭސްބުކް ހުޅުވާލުމާއެކު ފެނުނީ ސުރުޚީއެކެވެ: "މިޔަންމާއިން ނަސްލުނައްތާލިކަން އައި.ސީ.ޖޭ އިން ކަށަވަރުކޮށްދީފި."
އުފަލުން ގޮސް އޭނާއަށް ފުންމައިގަނެވުނެވެ. އެވަގުތު އޭނާގެ ފަހަރި ކައްކަން ހުއްޓެވެ. ރުމާން ދުވެފައި ގޮސް އޭނާގެ ގައިގައި ބައްދައިގަތެވެ. ވީ ކިހިނެއްކަން ކިޔައިދިނުމުގެ ކުރިން އޭނާއަށް ރޮވިއްޖެއެވެ.
"އަހަރެން އުފާފާޅުކުރީ އުފާވެރިކަމުގެ ކަރުނައާއެކު، ސަބަބަކީ އަހަރެމެންނަށް ދިމާވި ކަންތައްތައް ފުރަތަމަ ފަހަރަށް މުޅި ދުނިޔެ ގަބޫލުކުރުމުން،" އޭނާ ބުންޏެވެ.
ބުރާސްފަތި ދުވަހު އައި.ސީ.ޖޭ އިން ވަނީ، 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަސްކަރީ އޮޕަރޭޝަންތަކުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގުމުގެ ޒިންމާ މިޔަންމާގެ މައްޗަށް އޮތް ކަމަށް ނިންމާފައެވެ. އެ ކޯޓުން ފާހަގަކުރި ގޮތުގައި އެ އޮޕަރޭޝަންތަކުގައި 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.
ދަ ގެމްބިއާއިން ކޯޓަށް ހުށަހެޅި މި މައްސަލައިގެ ތާރީޚީ ޙުކުމަކީ، އެތައް އަހަރެއް ވަންދެން އެކަމަށް އިންކާރުކުރުމަށްފަހު، އެ މުޖުތަމަޢާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތައް ބަލައިގަތުމެކެވެ. އިންސާފަށް އެދި ދިހަވަރަކަށް އަހަރު ހޭދަކުރި ރެފިއުޖީންނަށް މި ޙުކުމާއެކު ލިބުނީ ބޮޑު ހިތްހަމަޖެހުމަކާއި، ޖަޒުބާތީ އިޙްސާސްތަކަކާއި، އައު އުންމީދެކެވެ.
"އަހަންނަށް މިއީ ހަމައެކަނި ޤާނޫނީ ޙުކުމެއް ނޫން. މިއީ އަހަރެމެން ތަޙައްމަލުކުރި ވޭނުގެ ހެއްކެއް،" ރުމާން ބުންޏެވެ.
ކޭމްޕްތަކުގެ އެކި ސަރަޙައްދުތަކުގައި ތިބި މީހުން މި ޙުކުމް އިއްވި އަޑުއެހީ މޯބައިލް ފޯނުތަކާއި، ލެޕްޓޮޕްތަކާއި، އަދި ބޮޑެތި ސްކްރީންތަކުންނެވެ. ބައެއް މީހުން ރައްޓެހިންނާއެކު ބެލިއިރު، އަނެއްބަޔަކު އެއްވީ ޢާއިލާތަކާއެކުގައެވެ. ގިނަ ބަޔަކު ކޯޓުގެ ކަންކަން ވަގުތުން ބެލުމަށް ބޭނުންކުރީ ފޭސްބުކާއި ޔޫޓިއުބެވެ.
ޢުމުރުން އަށާރަ އަހަރުގެ މުޙައްމަދު ރެހާން އެ މަންޒަރު ބެލީ އޭނާގެ މުޖުތަމަޢުގެ އުސްތާޛަކާއި ރައްޓެހިންނާއެކު ލެޕްޓޮޕަކުންނެވެ.
"ބައެއް އަންހެނުން ރޮމުން ދިޔައިރު، އަނެއްބަޔަކު ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމުން ދިޔަ،" އޭނާ ބުންޏެވެ.
"އަހަރެން ޚާއްޞަ ކަމެއް ނުކުރަން. އަހަރެން ހަމައެކަނި އިނީ އަޑުއަހަން، ކުރިމަގުގައި އަހަރެމެންނަށް އަމާން ދިރިއުޅުމެއް ލިބޭނެ ފަދަ އުފާވެރި ޚަބަރެއް ލިބޭނެ ކަމުގެ އުންމީދުގަ." އޭނާ ބުނެފަވެއެވެ.
ރެހާންގެ ހިތަށް އެންމެ ފުރަތަމަ ވެސް އައީ މި ޙުކުމުގެ ސަބަބުން ރޮހިންޔާ މީހުންނަށް އެނބުރި ވަޒަނަށް ދިޔުމުގެ މަގު ފަހިވެދާނެ ކަމުގެ ވިސްނުމެވެ.
"އެކަން ހިތަށް އަރުވާލުމުން ވެސް އަހަރެން ވަރަށް އުފާވި،" އޭނާ ބުންޏެވެ.
މި ޚަބަރު ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅި ބްލޮކްތަކަށް ފެތުރިގެން ދިޔައެވެ. ރެހާން ބުނި ގޮތުގައި މީހުން ދިޔައީ އުފާފާޅުކުރަމުންނެވެ. އަދި ދުވަސްވީ ރެފިއުޖީން ދިޔައީ މި މައްސަލައާއި، މި މައްސަލަ ކޯޓަށް ހުށަހެޅުމުގައި ދަ ގެމްބިއާއިން އަދާކުރި ދައުރާ ބެހޭގޮތުން މަޝްވަރާކުރަމުންނެވެ. ހުޅަނގު އެފްރިކާގެ މި ކުޑަ ޤައުމަކީ ރޮހިންޔާ މީހުންނާ ދެކޮޅަށް ހިންގި އަނިޔާވެރިކަމުގެ ސީދާ އަސަރެއް ކުރި ޤައުމެއް ނޫނެވެ. އެހެންނަމަވެސް، އެ ޤައުމުން މި ފިޔަވަޅު އެޅީ 1948 ގެ ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުންނެވެ. އެ މުޢާހަދާގެ ދަށުން، ނަސްލުނައްތާލުން ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މެންބަރު ހުރިހާ ޤައުމުތަކެއްގެ މައްޗަށް ލާޒިމު ކަމެކެވެ. 2022 ވަނަ އަހަރު ކޯޓުން ވަނީ މި މައްސަލަ ހުށަހެޅުމުގެ ޙައްޤު ގެމްބިއާއަށް ލިބިގެންވާ ކަމަށް ނިންމާފައެވެ.
މި ޙުކުމުގެ ޚަބަރު ދިނުމުން ރެހާންގެ މަންމަ ވެސް އިންތިހާއަށް އުފާވިއެވެ.
"މަންމަ ބުނަމުން ދިޔައީ އަހަރެމެންނަށް ކާމިޔާބު ލިބިއްޖެ ކަމަށާއި، އަހަރެމެންގެ ވަޒަނަށް އަނބުރާ ދެވޭނެ ކަމަށް،" އޭނާ ބުންޏެވެ.
މިހާރު ގާތްގަނޑަކަށް މިލިއަނެއްހާ ރެފިއުޖީން ދިރިއުޅޭ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ކޭމްޕްގައި ތިބި ރޮހިންޔާ މީހުން ވަނީ އެ ހުކުމް ލައިވްކޮށް ބަލާފައި، ފޮޓޯ: ގެޓީމި އުފާފާޅުކުރުންތައް ކުރިއަށް ދިޔައީ އެމީހުން ތަޙައްމަލު ކުރަމުންދާ ދަތި ދިރިއުޅުމުގެ ޙާލަތުގެ ތެރޭގައެވެ. ބޭ އޮފް ބެންގާލްއަށް ބާރުގަދަ ތޫފާން އަކްވާން އެރުމާ ގުޅިގެން، ބުރާސްފަތި ދުވަހު ކޭމްޕުތަކަށް ބޯކޮށް ވާރޭވެހި، ކުދިކުދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ އާއިލާތަކުގެ ތަކުލީފުތައް އިތުރަށް ބޮޑުވެގެން ދިޔައެވެ.
މިއީ، ކޯޓުގެ ހުކުމުގެ ސަބަބުން އެމީހުންގެ ވޭނާއި ކެކުޅުންތައް ބަލައިގަތް ނަމަވެސް، ރެފިއުޖީ ދިރިއުޅުމުގެ ދުވަހީ ހަގީގަތްތަކަށް އެއްވެސް ބަދަލެއް ނާންނަކަން ހަނދާންކޮށްދިން ކަމެކެވެ. ރޮހިންޔާ ޒުވާނެއް ކަމަށްވާ ނޫރުލް އަމީން ބުނީ، އެއީ ނަސްލުނައްތާލުމުގެ އަމަލެއް ކަމަށް ކޯޓުން ބަލައިގަތުމުން އޭނާ އުފާވި ނަމަވެސް، އެ ނިންމުމުގެ ސަބަބުން ހިތާމަވެރި ހަނދާންތައް ވެސް އާވެގެން ދިޔަ ކަމަށެވެ.
"އަހަރެން އުފާވި، އެކަމަކު ހަމައެއާއެކު 2017 ގައި އަހަރެމެންނަށް ދިމާވި ކަންތައްތައް ވެސް ހަނދާންވި. ސިފައިން ހިންގި ބިރުވެރި އޮޕަރޭޝަނާއި، އަހަންނަށް ތަހައްމަލު ކުރަންޖެހުނު އަނިޔާވެރިކަމާއި، ދޫކޮށްލަން ޖެހުނު އަހަރެންގެ ގެދޮރުގެ މަތިން ހަނދާންވި،" އޭނާ ބުންޏެވެ.
ރޮހިންޔާ އެކްޓިވިސްޓެއް ކަމަށްވާ ރަހީމުﷲ ބުނީ، މި ނިންމުމާ ގުޅިގެން އިހުސާސްތައް ބަޔާންކުރަން ދަތި ކަމަށެވެ. މީގެ ސަބަބުން އެ މުޖުތަމައުއިން ވަކިވެދިޔަ މީހުންނާއި، ގެދޮރު ގެއްލި ހާލުގައި ޖެހުނު އެންމެ އަނދިރި ދުވަސްތައް އޭނާއަށް ހަނދާންކޮށްދިނެވެ. އޭނާ މި ހުކުމް ސިފަކުރީ ހިތްހަމަޖެހުމާއި އާ އުންމީދެއް ގެނެސްދިން ވަގުތެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މީގެ ސަބަބުން ވަކިވެދިޔަ ލޯބިވާ މީހުން އަނބުރާ ނުގެނެވޭނެ ކަމަށާއި، ވޭނީ ހަނދާންތައް ފޮހެނުލެވޭނެ ކަމަށް އޭނާ ބުންޏެވެ.
ރޮހިންޔާގެ މައްސަލަތައް ދިރާސާކުރައްވާ ޔުނިވާސިޓީ އޮފް ޗިޓަގޮންގްގެ އެންތްރޮޕޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ނާސިރުއްދީން ވިދާޅުވީ، އަނިޔާ ލިބުނު ފަރާތްތަކުގެ ނަޒަރުން ބަލާއިރު، އިންސާފާއި ޒިންމާދާރުކަން ކަށަވަރުކުރުމަށް އައިސީޖޭގެ މި ހުކުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
"21 ވަނަ ގަރުނުގައި އަޅުގަނޑުމެން މި ދައްކަނީ ލިބަރަލް ޑިމޮކްރަސީއާއި، ދުނިޔެވަކިވުމާއި (ގްލޯބަލައިޒޭޝަން) އަދި ބައިނަލްއަގުވާމީ އިންސާފުގެ ވާހަކަ. އެކަމަކު މިފަދަ ބޮޑު ނަސްލުނައްތާލުމެއް މި ހިނގީ އަޅުގަނޑުމެންގެ ލޯމަތީގައި. ބައިނަލްއަގުވާމީ އިންސާފުގެ މަފްހޫމް ގާއިމުކުރުމަށްޓަކައި މި ހުކުމަކީ ކޮންމެހެން މުހިންމު ހުކުމެއް،" އޭނާ ވިދާޅުވިއެވެ.
އެޓްލާންޓިކް ކައުންސިލްގެ ސީނިއާ ފެލޯ ފޯ ސައުތު އޭޝިއާ، މައިކަލް ކޫގަލްމަން ވިދާޅުވީ، ރޮހިންޔާ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމުގެ އެއްވެސް އިންތިޒާމެއްގެ ދަށުން، އެމީހުންގެ ރައްކާތެރިކަމާ މެދު މިޔަންމާއިން އިތުރު ޔަގީންކަމެއް ހޯދަން ޑާކާއަށް މި ހުކުމުގެ ސަބަބުން މަޖުބޫރުވާނެ ކަމަށެވެ.
"ބައިނަލްއަގުވާމީ ކޯޓަކުން އެމީހުންނާ ދެކޮޅަށް ނަސްލުނައްތާލުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކަނޑައެޅުމާ ގުޅިގެން، ރޮހިންޔާ ރެފިއުޖީން އަނބުރާ ފޮނުވާލުމާ ބެހޭގޮތުން ބަންގްލަދޭޝްއާއި މިޔަންމާއާ ދެމެދު ކުރެވޭ މަޝްވަރާތަކުގެ އޮއިވަރަށް ވެސް މީގެ އަސަރު ފޯރާނެ ކަމަށް އަޅުގަނޑު ދެކެން،" ކޫގަލްމަން ވިދާޅުވިއެވެ.
ނަމަވެސް، ރޮހިންޔާ ރައްޔިތުންނަށް އެންމެ މުހިންމު ކަމަކީ އަދިވެސް އެނބުރި އަމިއްލަ ވަޒަނަށް ދިއުމުގެ އުންމީދެވެ. އެމީހުން ބޭނުންވަނީ މި އަނިޔާވެރި އަމަލުތައް ހިންގި ފަރާތްތައް ޒިންމާދާރު ކުރުވުމަށާއި، އެމީހުންގެ ހައްގުތަކާއި ރައްޔިތުކަން އަލުން އިއާދަކޮށްދިނުމަށާއި، އަދި ރައްކާތެރިކަމާއި ކަރާމާތާއެކު މިޔަންމާއަށް އެނބުރި ދިއުމުގެ މަގު ފަހިވުމަށެވެ.
ނޫރުލް އަމީން ބުނީ، މިއީ ހަމައެކަނި އިންސާނީ ކާރިސާއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެމީހުން ގެދޮރު ގެއްލެން މެދުވެރިވި ސިޔާސީ ސަބަބުތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އޭނާ ބުނީ މިޔަންމާގައި މިނިވަންކަމާއި ޑިމޮކްރަސީ ގާއިމުވެ، ތަފާތުކުރުންތަކާއި އަސްކަރީ ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް އަންނަން އެދޭ ކަމަށެވެ.
"އަހަރެމެން އުންމީދު ކުރަނީ މި ހުކުމުގެ ސަބަބުން މިއަށްވުރެ ރަނގަޅު ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް، އެއީ އަހަރެމެންގެ ހައްގުތަކާއި ކަރާމާތާއެކު އެންމެ ފަހުން އަމިއްލަ ގެދޮރަށް އެނބުރި ދެވޭނެ ދުވަހެއް އައުން،" އޭނާ ބުންޏެވެ.
މަސްދަރު: އަލްޖަޒީރާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!