ފެންބޮޑުވެފައިވާ ފޭލިގެތަކާއި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން، ފިނިމޫސުން ކައިރިވަމުން އަންނައިރު، ކުޑަކުދިން ހޫނުކޮށް ބޭތިއްބުމަށް ޣައްޒާގެ ޢާއިލާތަކުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.
ރޭގަނޑުގެ ވަގުތުތަކުގައި، ޣައްޒާ ސިޓީގައި (ޣައްޒާ ސްޓްރިޕް)ހަދާފައިވާ ވަގުތީ ހިޔާވަހިކަމުގެ ތެރޭގައި ފިނިހޫނުމިން ދަށްވަމުންދާއިރު، އަމީރާ ސަޢުދު ދަނީ އޭނާގެ ހަތަރު މަހުގެ ދަރިފުޅު މުޙައްމަދު ހޫނުކޮށް ބޭއްވުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.
އެ ތުއްތު ކުއްޖާގެ އަތުގައި ގިނައިން ހުރީ ހޫނުމޫސުމުގެ ތުނި އަންނައުނެވެ. ފިނިމޫސުމުގެ އަންނައުނު ގަންނާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން، އުމުރުން 27 އަހަރުގެ އަމީރާ ވަނީ އަވަށްޓެރިއެއްގެ އަތުން ހޫނު ހެދުމެއް ހޯދާފައެވެ. ނަމަވެސް، ރޭގަނޑުގެ ގަދަ ފިންޏާ މެދު އޭނާ އަދިވެސް ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ.
އޭނާ ދިރިއުޅެމުން ދަނީ މޫސުމީ ގަދަފަދަ ޙާލަތްތަކުން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ ތަރުފާލެއްގެ ދަށުގައި، ނުވަ ކުޑަކުދިން ހިމެނޭހެން ޢާއިލާގެ 18 މެންބަރުންނާ އެކުގައެވެ. އެންމެންނަށް ފުދޭވަރަށް ހޫނު އަންނައުނާއި ކާޕެޓް ނުވަތަ ރަޖާ ހޯދުމަކީ ދުވަހެއް ދުވަހަކަށް ދަތިވަމުން އަންނަ ކަމެކެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައިގެ ކުރީކޮޅު، މި ޢާއިލާ ވަނީ ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ އަވަށުން ގެދޮރު ގެއްލި މަގުމަތިވެފައެވެ. އަދި މިހާރު ދިރިއުޅެމުން ދަނީ އެ ސިޓީގެ ހުޅަނގުގައި ހަދާފައިވާ ވަގުތީ ކޭމްޕެއްގައެވެ.
ފަހަކަށް އައިސް ވެހުނު ބޯވިއްސާރައިގެ ސަބަބުން އެމީހުންގެ ހިޔާވަހިކަމުގެ ތެރޭގައި ފެންބޮޑުވެ، ގޮދަޑިތަކާއި ބާލީސްތަކާއި ރަޖާތައް ވަނީ ތެމިފޯވެފައެވެ.
"އަހަރެމެން ނިދާފައި ތިއްބައި ފެންބޮޑުވީ. އެތެރެއަށް ފެންވަދެ، އަހަރެމެންގެ ރަޖާތަކާއި ގޮދަޑިތަކާއި ބާލީސްތައް ތެމުނު. ހުރިހާ އެއްޗެއް ވެސް އޮތީ ތެމިފޯވެފައި،" އަމީރާ ބުންޏެވެ.
ކުދިންގެ އަތުގައި ގިނައިން ހުރީ ބާވެ، ވީދިފައިވާ ހޫނުމޫސުމުގެ އަންނައުނެވެ. އަމީރާގެ މައިދައިތަ، އުމުރުން 60 އަހަރުގެ ބާސިމާ ސަޢުދު ވެސް އިންތިހާއަށް ކަންބޮޑުވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ އަދި ހޫނު އަންނައުނާއި ބޭސްފަރުވާއަށް ބޭނުންވެފައިވާ އޭނާގެ 23 އަހަރުގެ އަންހެން ދަރިފުޅާ މެދުގައެވެ.
"އޭނާގެ ދެއަތް ގަނޑުފެންކޮޅެއްހާ ފިނިވޭ. އަހަރެން އޭނާ ހޫނުކުރުމަށްޓަކައި، ކުޑަކުއްޖަކު ބާއްވާ ފަދައިން އަހަރެންގެ ގާތުގައި އެނދުގައި ބާއްވަން،" ބާސިމާ ބުންޏެވެ.
"އަހަރެން އަމިއްލައަށް ހެދުން އެޅުމުގެ ކުރިން އޭނާގެ ގައިގައި ހެދުން އަޅުވަން. އަހަރެން އެންމެ ފުރަތަމަ ޔަޤީންކުރަން ޖެހެނީ އޭނާއަށް ހޫނުކަން ލިބިފައިވާކަން." މޮޅިވެރިކަމާއެކު އޭނާ ކިޔައިދިނެވެ.
ޤަވާޢިދުން ލިބޭ އާމްދަނީއެއް ނެތުމުގެ ސަބަބުން، ކާބޯތަކެތި ހޯދުމަށް އެ ޢާއިލާއިން ބަރޯސާވަނީ ޢާންމު ބަދިގެތަކަށެވެ (ކޮމިއުނިޓީ ކިޗަންތަކަށެވެ). ފިނިމޫސުމުގެ އަންނައުނާއި ރަޖާ ގަންނާނެ އިތުރު ފައިސާއެއް އެއްގޮތަކަށް ވެސް ނެތެވެ.
"އަހަރެންގެ ފިރިމީހާގެ ވަޒީފާއެއް ނެތް. މީގެ ދެ ދުވަސް ކުރިން އޭނާ ނުކުތީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ކޮންކްރީޓް ބައިތައް ތަޅައި ކުދިކުރުމުގެ މަސައްކަތަކަށް، އެކަމަކު އޭނާގެ އަތް ބިނދިއްޖެ. ޙާލަތު އޮތީ ވަރަށް ދަށުގައި، އަދި ފިނިގަދަކަން އިންތިހާއަށް ބޮޑު،" އަމީރާ ބުންޏެވެ.
ކުޑަކުދިން ހޫނުކޮށް ބޭތިއްބުމަށް ޢާއިލާތަކުން ކުރާ ހިތްދަތި މަސައްކަތް
މިފަދަ ނިކަމެތި ޙާލަތުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް ތުއްތު ކުދިންނަށް އޮތް ނުރައްކަލަކީ ހަމައެކަނި ޚިޔާލީ ބިރެއް ނޫނެވެ.
ބުރާސްފަތި ދުވަހު، އުމުރުން އެންމެ ނުވަ މަހުގެ ތުއްތު ކުއްޖެއް ކަމަށްވާ ކިނާން އަޙްމަދު ރަޤީޤް ވަނީ ފިނިގަދަވުމުގެ ސަބަބުން (ހައިޕޯތާމިއާ ޖެހިގެން) މަރުވެފައެވެ. އެ ކުއްޖާގެ ބައްޕަ ''އޭއެފްޕީ''އަށް ކިޔައިދިން ގޮތުގައި، ފޭލިގޭގެ ތެރޭގައި އޭނާއަށް ހޭލެވުނުއިރު ފެނުނީ ދަރިފުޅުގެ ހަންގަނޑު ނޫކުލައަށް ބަދަލުވެފައި އޮތް މަންޒަރެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، ހަތް ކުދިންގެ މައެއް ކަމަށްވާ އުމުރުން 46 އަހަރުގެ އަމަލް އަލް-މައިދާނާ ހުންނަނީ ނުހަނު ބިރުގެންފައެވެ.
އޭނާ ދަރިން ބަލާބޮޑުކުރަމުން ދަނީ އެކަނިމާއެކަންޏެވެ. އޭނާގެ ފިރިމީހާ ޙަމްޒާ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްރާއީލުގެ ހެލިކޮޕްޓަރަކުން ދިން ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާއިރު، އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޢުމުރުން 25 އަހަރުގެ ހައިޘަމް ޝަހީދުކޮށްލީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު ސްނައިޕަރަކު ބަޑިޖަހައެވެ.
އޭނާއަކީ އަސްލު ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގެ މީހެކެވެ. އަދި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި ހަ ފަހަރެއްގެ މަތިން އެކި ތަންތަނަށް ހިޖުރަކުރަން ޖެހި، ޢާއިލާގެ ގެދޮރާއި ބިމާއި ކާރު ވަނީ ގެއްލިފައެވެ.
މިހާރު ފޭލިގެއެއްގައި ދިރިއުޅެމުންދާ އަމަލް ދަނީ އޭނާގެ ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ފިނި މޫސުން ފެށިފައިވީ ނަމަވެސް، އޭނާގެ ހަގު ދެ އަންހެން ދަރިން ކަމަށްވާ ރިމާސް އާއި މަލަކް އަދިވެސް ލައިގެން ތިބީ ހޫނު މޫސުމުގެ އަންނައުނެވެ.
"ހުރިހާ އެއްޗެއްގެ އަގުވެސް އިންތިހާއަށް ބޮޑު، ކުޑަކުދިންގެ އަންނައުނާއި، ބޫޓާއި، ހުރިހާ އެއްޗެއްވެސް،" އޭނާ ބުންޏެވެ.
އަމަލް މަސައްކަތް ކުރަނީ ލިބެން ހުރި އެއްޗަކުން ފުއްދައިގެން އުޅުމަށެވެ. ނަމަވެސް އެއީ އޭނާގެ ދަރިންގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫނެވެ.
އެ އާއިލާގެ ޓެންޓު މަތީގައި އަޅާފައިވާ ހަލާކުވެފައިވާ ތާރުޕޯލިންތަކުގެ ތެރެއިން ވާރޭ ފެންވެސް އެތެރެއަށް ފަދައެވެ. ހޫނުކުރާނެ އެއްވެސް ވަސީލަތެއް ނެތުމުން، ހޫނުކަން ހޯދުމަށް އެމީހުން ބަރޯސާވަނީ ކުއިލްޓާއި ރަޖާތަކަށެވެ.
"އަހަރެމެންގެ ހަށިގަނޑު ހޫނުކުރާނެ އެއްވެސް ވަސީލަތެއް ނެތް، އަހަރެމެން ހަމައެކަނި ކުރާ ކަމަކީ ކުދިންގެ ގައިގައި ރަޖާ އަޅައިދިނުން،" އޭނާ ބުންޏެވެ.
އަމަލް ބިރުގަންނަނީ އިތުރު ތޫފާނެއް އައިސް ވާރެއާއި ފިނިގަދަވެދާނެތީއެވެ.
"އަހަރެމެން ހަމައެކަނި ދުޢާކުރަނީ ޓެންޓުތަކުގައި ދިރިއުޅޭ މީހުންނަށް މި ފިނި މޫސުން ލުއިފަސޭހަ ކޮށްދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި،" އޭނާ ބުންޏެވެ.
ފިނި މޫސުމުގެ ނުރައްކާތައް އިތުރުވަމުންދާއިރު އެހީތެރިކަން ލިބެނީ މަދުން
އެކުވެރި ދައުލަތްތަކު (އދ)ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނާ ގޮތުގައި ޣައްޒާގެ އާބާދީގެ 94 އިންސައްތަ މީހުންނަށް ކުއްލި ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވެއެވެ. އާއިލާތަކުގެ ގާތްގަނޑަކަށް 65 އިންސައްތަ މީހުން ދިރިއުޅެނީ ޓެންޓުތަކުގައި ނުވަތަ ވަގުތީ ހިޔާތަކުގައެވެ. އަދި 650،000 ކުޑަކުދިންނަށް ފިނި މޫސުމުގެ އެހީތެރިކަން ބޭނުންވެއެވެ. މީގެ ތެރޭގައި ހޫނު އަންނައުނާއި ރަޖާ ހިމެނެއެވެ.
ސެޕްޓެމްބަރު މަހާ ހަމައަށް އެހީދޭ ޖަމާއަތްތަކަށް ހޯދިފައިވަނީ އެންމެ 9،000 އާއިލާއަށް ފުދޭވަރުގެ ފިނި މޫސުމުގެ އަންނައުނާއި، 50،000 މީހުންނަށް ބޭނުންވާ ނިދާ ސާމާނެވެ. މިއީ ބޭނުންވާ މިންވަރަށް ވުރެ މާ މަދު އަދަދެކެވެ. ފައިސާގެ ދަތިކަމުގެ ސަބަބުން ފިނި މޫސުމަށް ވާންޖެހޭ ތައްޔާރީތަކަށް އިތުރު ހުރަސްތަކެއް އެޅެމުންދާ ކަމަށް އޯޗާއިން ބުންޏެވެ.
ޔުނިސެފުން އިންޒާރު ދީފައިވާ ގޮތުގައި ފިނި މޫސުމުގެ ހާލަތުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް 'ހައިޕޯތާމިއާ' (ހަށިގަނޑު މާބޮޑަށް ފިނިވުން) އަދި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ ފިނި މޫސުމުގައި ހައިޕޯތާމިއާގެ ސަބަބުން މަދުވެގެން 11 ކުދިން މަރުވެފައިވެއެވެ. އެ އެޖެންސީން ދަނީ 2026-2027 ގެ ވިންޓަރ ރެސްޕޮންސްއަށް 97.5 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ 540،000 ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އެހީތެރިވުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ފަހަކަށް އައިސް ވެހުނު ވާރޭގެ ސަބަބުން މި ކާރިސާ ވަނީ އިތުރަށް ގޯސްވެފައެވެ. ނޮވެމްބަރު 9 ގައި ޔުނިސެފުން ބުނީ ފެންބޮޑުވުމުގެ ސަބަބުން 106،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 950،000 މީހުން ދިރިއުޅެމުންދަނީ ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައި ކަމަށެވެ.
އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ހަނގުރާމައިގައި ފަލަސްތީނުގެ 74،600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 176،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ އެކި ކަންކޮޅުތަކުގައިވާ ގެދޮރާއި ދިރިއުޅުމުގެ ވަސީލަތްތައް ވަނީ ސުންނާފަތިވެފައެވެ. ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު އެތައް ފަހަރަކު އެއްތަނުން އަނެއް ތަނަށް ހިޖުރަކުރަން ޖެހިފައިވެއެވެ. އަދި އެތައް ލައްކަ ބަޔަކު އަދިވެސް ދިރިއުޅެމުންދަނީ ޓެންޓުތަކުގައާއި ހަލާކުވެފައިވާ ހިޔާތަކުގައެވެ.
ހަނގުރާމަ އޭގެ ހަތަރުވަނަ އަހަރަށް އެޅުނުއިރު، ވަޒީފާ ނެތުމާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަކީ ކުޅަދާނަ ކަމަކަށް ނުވެ، ފިނީގެ ސަބަބުން ދަރިން ރައްކާތެރިކުރުމަށް އާއިލާތަކުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.
ކުރިން ބޭނުންކޮށްފައިވާ އަންނައުނާއި ނާޒުކު ނިންމުންތައް
ޣައްޒާ ސިޓީގެ ރިމާލް މާރުކޭޓުގައި ވިޔަފާރިކުރާ އުމުރުން 25 އަހަރުގެ މުހައްމަދު އަބޫ ޝަނާރުގެ ފިހާރައިންވެސް ފެންނަނީ ކަސްޓަމަރުންގެ މިފަދަ ހާލަތެކެވެ. ގިނަ މީހުން ފިނި މޫސުމުގެ އަންނައުނުގެ އަގު އަހައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުގަނެ އެނބުރި ދެއެވެ.
"އަގުތައް ވަރަށް ބޮޑު. އެއީ އެންމެންނަށް އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ނޫން. މީހުން އައިސް، އަގު ކިހާވަރެއްތޯ އަހާފައި، ތަކެތި ގަންނާނެ ތަނަވަސްކަން ނެތުމުން އެނބުރި ދަނީ،" އޭނާ ބުންޏެވެ.
މުހައްމަދު ދުވާލަކު ވިއްކަނީ ފިނި މޫސުމުގައި ލާ ގާތްގަނޑަކަށް ހަތަރެއް ނުވަތަ ހައެއް ޓްރެކްސޫޓެވެ. އޭނާ ބުނާ ގޮތުގައި ކައިރީގައިވާ ކޭމްޕުތަކުގައި ތިބި ގިނަ ކުދިން އަދިވެސް، ފިނިގަދަ ނަމަވެސް ލައިގެން ތިބީ ކުރުއަތްވީ ނުވަތަ ތުނި ހެދުމެވެ. އަގުތައް އިންތިހާއަށް އުފުލިފައިވާ ސަބަބަކީ—އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޣައްޒާއަށް މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިކަމާއި، ހޯލްސޭލަރުންގެ އަތުން މުދާ ގަންނަން ލިބޭ އަގު ބޮޑުވުން ކަމަށް އޭނާ ބުނެއެވެ.
"ފުރަތަމަ ކަމަކީ މުދަލުގެ ދަތިކަން. ހޯލްސޭލަރުން އަގުތައް ބަހައްޓަނީ ވަރަށް މަތީގަ، އަދި އަހަރެމެންނަށް ވެސް މުދާ ލިބެނީ ވަރަށް އަގުބޮޑުކޮށް. މި ތަކެތި 40 ޝެކަލް (12.60 ޑޮލަރު) ނުވަތަ 50 ޝެކަލް (15.70 ޑޮލަރު) ގެ ބަދަލުގައި، 20 ޝެކަލް (6.25 ޑޮލަރު) ނުވަތަ 25 ޝެކަލް (7.80 ޑޮލަރު) އަށް ވިއްކެން ހުރި ނަމަ، ފަހަރުގައި މީހުންނަށް ގަނެވުނީސް،" އޭނާ ބުންޏެވެ.
މުޙައްމަދު ބުނި ގޮތުގައި ފިނި މޫސުމުގެ މުދަލަށް އޭނާ ވަނީ 20،000 އަށް ވުރެ ގިނަ ޝެކަލް (ގާތްގަނޑަކަށް 6،265 ޑޮލަރު) އިންވެސްޓްކޮށްފައެވެ. ނަމަވެސް، ވިޔަފާރިކުރާތާ ތިން ހަފުތާ ވެގެން ދިޔައިރު އޭނާއަށް އަނބުރާ ލިބުނީ 5،000 ޝެކަލް (ގާތްގަނޑަކަށް 1،570 ޑޮލަރު) އަށް ވުރެ ވެސް މަދު މިންވަރެކެވެ.
އަނަސް ޙަމަދު ފަދަ މީހުންގެ އަތުގައި، މުޙައްމަދު ފަދަ ވިޔަފާރިވެރިންގެ އަތުން އެއްޗެހި ގަންނާނެ ފައިސާއެއް ހަމަ އެއްގޮތަކަށް ވެސް ނެތެވެ.
އަނަސް އާއި އޭނާގެ އާއިލާއަކީ އުތުރު ޣައްޒާގެ ބައިތު ޙާނޫނުން ގެދޮރު ގެއްލިފައިވާ ބައެކެވެ. ހަނގުރާމައިގެ ކުރިން އޭނާ ހިންގި ސުޕަމާކެޓުގައި އޭނާގެ ހަތަރު ކޮއްކޮ ވަޒީފާ އަދާކުރިއެވެ. ހަނގުރާމައިގައި އެމީހުންގެ ގެދޮރާއި ވިޔަފާރި ސުންނާފަތިވެ، ޔުނިވަރސިޓީ ނިންމާފައިވާ އެ ފަސް މީހުން ވެސް މިހާރު ތިބީ އެއްވެސް މަސައްކަތެއް ނެތިފައެވެ.
އެއްވެސް އާމްދަނީއެއް ނެތި، އައު އަންނައުނު ގަނެވޭނެ ތަނަވަސްކަމެއް ނެތުމުން، އަނަސް އޭނާގެ ތިން ކުދިންނަށް އަންނައުނު ހޯދައިދެނީ ސިކުންތު-އަތު މާރުކޭޓުތަކުންނާއި މީހުން ބޭނުންކޮށްފައި ދޭ ބައު އަންނައުނުންނެވެ.
އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ޖަނާ، އައު ގަމީހަކަށް އެދުނު ދުވަސް އޭނާ ހަނދާން އައުކުރިއެވެ. އެވަގުތު އޭނާއަށް ދައްކާލެވުނީ އެ ކުއްޖާ ލައިގެން ހުރި ގަމީހަށެވެ. އެއީ ކުރިން އެ ކުއްޖާގެ ބޭބެ ލީ ގަމީހެކެވެ.
މި އާއިލާ ދިރިއުޅެމުން ދަނީ ވަރަށް ބޮޑަށް ވީދިފައިވާ ފޭލިގެއެއްގައި، ގާތްގަނޑަކަށް ދެ އަހަރު ދުވަހުއެވެ. އޭނާގެ އަންހެނުން އެ ފޭލިގެ ފަހައި މަރާމާތުކުރަން މަސައްކަތް ކުރި ނަމަވެސް، މަތިންނާއި ތިރިން ވެސް ވާރޭފެން ވަދެއެވެ. މިފަހުން ވެހުނު ބޯ ވާރޭގައި އެމީހުންގެ ނިދާ ތަންމައްޗާއި މުދާތައް ވަނީ އެއްކޮށް ތެމިފައެވެ.
އަނަސް ބުނި ގޮތުގައި ފިނީގެ ސަބަބުން އޭނާގެ ތިން އަހަރުގެ ދަރިފުޅު ތުރުތުރުއަޅަމުން ދިޔައިރު، ފޭލިގޭގެ ފުރާޅުގައި ވާރޭ ތިކިތައް ޖެހޭ އަޑަށް ކުދިން ތިބީ ބިރުންނެވެ.
"އަހަންނަށް މިވަނީ މަޖުބޫރުވެފައި އަހަރެންގެ ދަރިންނަށް ކާބޯތަކެތި ގަތުމާއި، އެކުދިންނަށް ހޫނު އަންނައުނާއި ރަޖާ ހޯދުމާއި، ނުވަތަ ކުރިއަށް އޮތް ވިއްސާރައިން ފޭލިގެ ރައްކާތެރިކުރުމަށް ތާރުޕޯލިން ގަތުމާ ދެމެދު އިޚްތިޔާރު ކުރަން،" އޭނާ ބުންޏެވެ.
"އިސްކަންދޭންވީ ކޮން ކަމަކަށް ކަމެއް، އަދި ދޫކޮށްލަންވީ ކޮން ކަމެއް ކަމެއް ވެސް އަހަންނަކަށް ނޭނގެ." ދެކޯތާފަތްމައްޗަށް އޮހެމުން ދިޔަ ކަރުނަ ފޮހެލަމުން އޭނާ ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!