މި އަހަރުގެ ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހއ. ބާރަށުގައި ސިފައިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ފަރިތަކުރުންތަކުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ނިންމައިފިއެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ސަމާލުވުމަށް ވަނީ އެދިފައެވެ.

Ad
rt

މިކަމާ ގުޅޭގޮތުން ބާރަށު ކައުންސިލުން ބުނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަރާތުން ބާރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތަކުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މި ޚާއްޞަ ފަރިތަކުރުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އެ ރަށުގައި ސިފައިންގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ބާރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ފަރިތަކުރުންތައް ކުރިއަށްދާނީ އެ ދުވަސްތަކުގެ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 ގެ ނިޔަލަށެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބާރަށު ސްކޫލްގައެވެ.

މި އަހަރުގެ ނަޞްރުގެ ދުވަސް އެ ރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. ސިފައިން މި ފަރިތަކުރުންތައް ކުރިއަށްގެންދަނީ މި މުނާސަބަތާ ގުޅިގެން ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ޤައުމު ދިފާޢުކޮށް، ލިބުނު ފަޚުރުވެރި ނަޞްރުގެ ހަނދާން އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ސިފައިން ވަނީ މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިފަދަ ހަރަކާތްތަކެއް ހއ. ދިއްދޫގައި ވެސް ހިންގާފައެވެ.