އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް އަރުވައިފިއެވެ.
އެމަނިކުފާނަށް މި ޢިއްޒަތް އަރުވާފައިވަނީ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މިޞްރުގެ ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތަޢުލީމު އުނގަންނައިދެއްވުމަށާއި ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްޕުޅުތަކެއް ޢަމަލީގޮން އަދާކުރެއްވި ބޭފުޅެކެވެ.
ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1981 ފެބުރުވަރީ 8 ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެފަހުން، އެ އޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން، އެ މަދަރުސާގެ މުދީރުކަމަށް 1987 ޖަނަވަރީ 15 ގައި އެމަނިކުފާނު ހަމޖެއްސުވިއެވެ. އެ މަގާމުގައި ހުންނަވައިގެން އެ މަދަރުސާގެ ހިންގުން ހަރުދަނާކުރައްވައި، މުޤައްރަރު އަލުން މުޠާލިޢާ ކުރައްވައި، ޘާނަވީ ތަޢުލީމުން ފެށިގެން ޢަރަބިބަހުން ތަޢުލީމުދޭ މަދަރުސާއަކަށް ކިޔަވައިދުމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި ޢަމަލީގޮން ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ.
އެމަނިކުފާނުގެ ޢިލްމީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށްޓަކައި އުފެއްދެވި ކޮމިޓީގައި މެންބަރެއްގެ ހައިސިއްޔަތުން ކުރެއްވި ޚިދުމަތެވެ. އެ ކޮމިޓީގެ ރައީސްކަންވެސް 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ކުރެއްވިއެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުގައި ތަފާތު އެތައް މައުޟޫޢަކަށް ޢިލްމީ ތަޤްރީރުތައް ކުރައްވައި، ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ. މޯލްޑިވްސްއިން ފޮނުވަމުން ގެންދިޔަ ދީނީ ޕުރޮގުރާމުތަކާއި ޢިލްމީ ބަޙުޘްތަކުގައިވެސް ވަނީ ބައިވެވެވަޑައިގެންފައެވެ. އަދި ހުކުރު ޚުޠުބާ ލިޔުއްވުމާއި، "ދީނުގެ މަގު" ނޫހަށް ކޮންމެ ހަފުތާއަކުވެސް ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ.
މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއަށާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، އެތަންތާނގެ ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވަމުން ގެންދެވި ބޭފުޅެއްގެ ހައިސިއްޔަތުން ދަރިވަރުންގެ މަޤްބޫލުކަމާއި ތާރީފު ވަނީ ލިބިވަޑައިގެންފައެވެ. ދީނީ އަދި ޢިލްމީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ދީނީ ވާހަކަތަކާއި، ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް ލިޔުއްވި ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކުގައި ޚިދުމަތް ކުރައްވައި، ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައިވެސް ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ.
ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވަނީ 2008 ނޮވެންބަރު 10 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!