ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ޝަރު އެމަނިކުފާނަށް އެރުވީ ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޢައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގެންނެވުމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެންދިޔައީ ނޫސްވެރިކަމަށް ހުންނެވި ލޯތްބެވެ. ޚަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު ވެދެވަޑައިގެން، ބޭރުގެ ޚަބަރު ރޭޑިއޯއިން އަޑުއައްސަވައިގެންނާއި ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ ދިވެހިބަހަށް ތަރުޖަމާކުރައްވައިގެން ޚަބަރު ލިޔުއްވަން ފެއްޓެވިއެވެ. މި މަސައްކަތުގައިވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހިބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވިއެވެ.
ދިވެހިބަހަށް އެންމެ ގިނަ ޚިދުމަތެއް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތީ 1996ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ދުވަހު ދިވެހިބަހާއި ތާރީޚަށް ޚިދުމަތުރާ ޤައުމީ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތް ހިސާބުންނެވެ. އެ މަރުކަޒުގެ ރައީސްކަމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން 2000ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލ ކުރައްވައި ކޮމްޕިއުޓަރުން ބޭނުންކުރެވޭގޮތަށް ބަދަލުކުރެއްވުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ފުރިހަމަކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރެއްވިއެވެ.
އަދަބީ ޚިދުމަތުގެ ދާއިރާއިން ޢައްބާސް ވަނީ ވާހަކަ ލިޔުއްވުމާއި، މަޒުމޫނު ލިޔުއްވުމާއި، ޅެންވެރިކަމުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކޮށްފައެވެ. އަދި 1979ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕްރޮގްރާމުތަކަށް ބޮޑެތި ބަދަލުތައް ގެންނަވައި، ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. މިހާރުވެސް އެމަނިކުފާނު ހުންނެވީ ދިވެހިބަހުގެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައެވެ.
ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދައުލަތުން ވަނީ އެކިފަހަރުމަތިން ޝަރ އަރުވައިފައެވެ. އެގޮތުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، މިނިވަން 25ގެ އިނާމާއި، ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަމުގެ އިތުރުން މީޑީއާ ކައުންސިލުގެ "ޙަޔާތުގެ އަރުތަ" އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި 67 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޢައްބާސް އިބްރާހީމަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވަނީ 2013ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ. މިހާރު އެމަނިކުފާނު ހުންނެވީ މިނިސްޓްރީ އޮފ އާޓސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!