މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މާލީ ހޭލުންތެރިކަމުގެ ޚާއްސަ ހަރަކާތް "ފިންލިޓް ފެސްޓް" ހއ. އަތޮޅުގެ ހަ ރަށެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
މި މަހުގެ 20 އިން 22 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރަށްރަށުގެ މުޖުތަމައުތަކަށް މާލީ ހޭލުންތެރިކަން ފޯރުކޮށްދިނުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.
އެމްއެމްއޭއިން މައުލޫމާތުދޭ ގޮތުގައި، މި ފެސްޓުގެ މައިގަނޑު އަމާޒަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މާލީ ކަންކަމުގައި ހަރުދަނާ ނިންމުންތައް ނިންމުމުގެ ބާރުވެރިކަން ހޯދައިދިނުމެވެ. އަދި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް، މާލީ ގޮތުން ބާރުވެރި މުޖުތަމައެއް ބިނާކުރުމަށް ވެސް މި ހަރަކާތުގެ ތެރެއިން ބޮޑު އިސްކަމެއް ދޭނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގެ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ވަށަފަރު، އުތީމު، ފިއްލަދޫ، ކެލާ އަދި މުރައިދޫގައެވެ.
މި ހަރަކާތްތަކުގެ ތާވަލު އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ނޮވެމްބަރު 20 އަދި 21 ގައި ދިއްދޫގައި ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ނޮވެމްބަރު 21 ގައި ވަށަފަރު، އުތީމު އަދި ފިއްލަދޫގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ނޮވެމްބަރު 22 ގައި ޕްރޮގްރާމްތައް ކުރިއަށްދާނީ ކެލާ އަދި މުރައިދޫގައެވެ.
މި ފެސްޓުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިންގާ "ފިންލިޓް ކިޑްސް ކްލަބް" ނުވަތަ "ކިޑްސް ކްލަބްހައުސް" ގެ ހަރަކާތްތައް ދެ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 20 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ދިއްދޫގައި ތަފާތު އެކި ކުޅިވަރުތަކާއި ހަދިޔާތަކާއެކު ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. މީގެއިތުރުން 21 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވަށަފަރުގައި ވެސް ކުޑަކުދިންގެ ހަވީރު ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ކިޑްސް ކްލަބްހައުސް ކުރިއަށްދާނީ ކުޑަކުދިން ގަޔާވާނެ ފަދަ އިންޓަރެކްޓިވް މާހައުލެއްގައި އެ ކުދިންގެ މާލީ ހޭލުންތެރިކަން އިތުރުކުރެވޭނެ ގޮތަށެވެ. މުޅި ޕްރޮގްރާމްގެ ތެރޭގައި މާލީ ހޭލުންތެރިކަމުގެ ސެޝަންތަކާއި، އިގުތިސާދީ ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ.
މި ދަތުރުގެ ތެރެއިން ދިވެހި ފައިސާގެ ތާރީޚު ދައްކުވައިދޭ ޚާއްސަ ސްޓޯލެއް ހުންނާނެ ކަމަށް ވެސް އެމްއެމްއޭއިން މައުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވެސް ބައިވެރިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!