ދިވެހިރާއްޖޭގެ ތާރީޚުގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތަކަށް މަދު ބައެއްގެ ފަރާތުން ފާޑުކިޔުންތަކާއި ޝައްކުތައް ކުރިމަތިވި ނަމަވެސް، ދިވެހި ރައްޔިތުން އަބަދުވެސް އިސްކޮށްފައިވަނީ ޤައުމީ ވިސްނުމާއި ޒަމާނީ ކުރިއެރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމާއި، ރަށްރަށުގައި މަގުކެނޑުމާއި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ އިތުރުން ފަތުރުވެރިކަމުގެ ޞިނާޢަތް އުފެއްދުމުގައި ދިވެހީން ހޯދި ކާމިޔާބީތަކަކީ އެކަމުގެ އަލިގަދަ މިސާލުތަކެއް ކަމަށެވެ.

Ad
rt

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޚިދުމަތްތައް ހަނދާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމަށް އެމަނިކުފާނު ވަކާލާތުކުރައްވަން ފެށްޓެވުމުން، އެއީ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަމަށް ބައެއް މީހުން ވިސްނައިދޭން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ގެންނެވި އެ ބަދަލުގެ މަންފާ މިއަދު މުޅި ޤައުމަށް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރަށްރަށުގެ ހަނި ގޯޅިތައް، ފުޅާ ތަނަވަސް މަގުތަކަށް ބަދަލުކުރެއްވުމަށް ރައީސް އަމީން ފެށްޓެވި މަސައްކަތްޕުޅަށްވެސް ދެކޮޅުވެރިކަން އަމާޒުވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ވިސްނޭ ދިވެހި ރައްޔިތުން އެ މަދަނީ ތަހުޒީބަށް މަރުޙަބާ ކިޔާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ދުވަސްވަރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޖީނުގެ އަޑަށް މަސްތައް ފިލައިގެންދާނެކަމަށް ބުނެ މަދު ބަޔަކު އެކަމަށް އިންކާރުކުރި ކަމަށެވެ. ނަމަވެސް، ޅ. ނައިފަރު "އުންމީދު" ދޯންޏާއި އެ ނޫންވެސް އޮޑިވެރީންގެ އިސްނެގުމާއެކު، އެ ކުށްހީތައް ނައްތާލައި، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނެވުނުކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ދުރުދުރުގައި އެތުރިފައިވާތީ ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއެރުވިދާނެ ޞިނާޢަތެއް ނޫންކަމަށް ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ނިންމިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ދިވެހި ދެތިން ބޭފުޅެއްގެ ބުރަ މަސައްކަތުން އެ ޞިނާޢަތް އުފައްދައި، މިއަދު ދިވެހި އިޤުތިޞާދުގެ އެންމެ އުސް ތަނބަކީ އެ ޞިނާޢަތް ކަމުގައި ހައްދަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތާރީޚީ ޙާދިސާތަކުން ސާފުވަނީ، ދިވެހި ރައްޔިތުން އަބަދުވެސް ބޭނުންވަނީ ހޭލުންތެރި، މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް ކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާއަކީ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާއެވެ. ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަސް ނޮވެންބަރު 11 ގައި ފާހަގަކުރަމުން އަންނަނީ، 1968 ވަނަ އަހަރު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުވި ތާރީޚާ ގުޅުވައިގެންނެވެ.