ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނިގެން ސައިކަލެއްގައި ފިލަން މަސައްކަތްކުރި ދެ ޒުވާނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 21 އަހަރުގެ ދެ ފިރިހެނުންނެވެ.

Ad
rt

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ދިއްދޫ، ނޫރާނީވިލާ، ޙުސައިން ޒަޔާން (21އ) އަދި މާލެ، ގ. ސިނަމާލެ 022-13، މުޙައްމަދު އިޔާޒް ޢަބްދުﷲ (21އ) އެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، އެ މީހުންނަށް ފުލުހުން ފެނުމާއެކު ސައިކަލުގައި ފިލަން މަސައްކަތްކުރުމުން ކަމަށެވެ. އެގޮތުން ފިލަން އުޅުނު އެ ދެ މީހުން ހުއްޓުވައި، ފުލުހުން ވަނީ އެ މީހުން ބަލައިފާސްކޮށްފައެވެ.

ފުލުހުން އެ މީހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، ހަ ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ވެސް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގައި އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 297.4 ގުރާމު ހުރި ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒް ޢަބްދުﷲ ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.